އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްތަކަށް ދޫކޮށްލައިފިއެވެ.

ސަރުކާރުން ބުނިގޮތުގައި އަންނަ އަހަރުގެ ބެޖެޓު ކަނޑައެޅީ، މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުވައި އަމިއްލަ ފައި މައްޗަށް ތެދުވެ ހިންގުމުގެ ކުޅަދާނަކަން ކަށަވަރުކުރަން ދޭ އެހީއެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ އަންނަ އަހަރަށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅައިފައި ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާށެވެ. އަދި އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

މި އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައެޅީ 656 މިލިއަން ރުފިޔާ ކަމަށް ވީ ނަމަވެސް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ވަނީ ކަނޑައަޅާފައެވެ. މި ބަޖެޓުގެ ސަބަބުން ރަށު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 148 ޕަސެންޓަށް އިތުރުވާނޭ ކަމަށާއި އަތޮޅު ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 155 ޕަސެންޓަށް އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާ އެވްރެޖްކޮށް 433 ޕަސެންޓަށް އިތުރުވާނެ ކަމަށް ބަޖެޓުގައިވެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގަން ފެށި ފަހުން ކައުންސިލްތަކަށް ބަޖެޓްކުރާ މިއީ ފުރަތަމަ ފަހަރެވެ.