ބޭންކް އޮފް މޯލްޑިވްސްގެ "ކޮމިއުނިޓީ ފަންޑް" އިން ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.
'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރީ، އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުންނެވެ. މިއީ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓަރު ގައި އިފްތިތާހު ކުރި ފުރަތަމަ ޕްރޮޖެކްޓެވެ. ފޭދޫގައި މިކަން ރަސްމީކޮން އިފްތިތާހު ކުރުމުގެ ގޮތުން އެރަށުގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފައިވާއިރު، ފޭދޫގައި ބަހާފައިވަނީ ޖުމްލަ 1000 ފުޅިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި އެކި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި އެ ބޭންކުގެ އުއްމީދަކީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގޭ މި ޕްރޮގްރާމް ކާމިޔާބުކަމާއެކީ ކުރިއަށްގޮސް ފޭދުއަކީ ތިމާވެށްޓާ ރަށްޓެހި އާދަކާދަ ދިރުވައި އާލާކުރާނެ، ނަމޫނާ ރަށަކަށް ވެގެން ދިޔުން ކަމަށް ސައީދު ވިދާޅުވިއެވެ.
ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮޕޯސަލް ކާމިޔާބު ކުރި ފޭދޫ އެންވަރަމަންޓް ޑިވެލޮޕްމަންޓް އެސޯސިއޭޝަން ގެ ފަރާތުން އިސްމާއިލް ފަޒީލް ވިދާޅުވީ، ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް ރަނުގެ ފުރުސަތެއް ކަމަށާއި، އެގޮތުން ކޮމިއުނީ ފަންޑު އިއުލާނު ކުރުމުން އެ ޖަމިއްޔާއިން ވިސްނީ މިރަށަށް މިވަގުތު އެންމެ މުހިންމު ކަމަކީ ކޮބާތޯ ކަަމަށެވެ. އަދި ފަންޑުގެ އެހީގައި ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާ ކޮށްފައިވާއިރު، މިއީ ރަށުގެ ހުރިހާ ރައްޔިތުންވެސް ޕްލާސްޓިކް ނޫން ގޮތެެއް ހިޔާރު ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް ފަޒީލް ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިގެން ހިންގޭ ޕްރޮގްރާމެކެވެ.
މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ބީއެމްއެލުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.