ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނަރަލް (އެސްޖީ) ކަމުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ފާއިޒަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދޮގު ކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު މިކަން ދޮގު ކުރެއްވީ މިއަދު އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވިނަމަވެސް ސުޕްރީމް ކޯޓުގެ އެސްޖީއަށް އުއްތަމަ ފަނޑިޔާރު ބިރު ދެއްކެވި ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބަލަމުން ގެންދަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި އެ އިސްލާހު ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ އެއްބާރުލުން ސުޕްރީމް ކޯޓު ދެއްވާނެ ކަމުގެ ޔަގީންކަން އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ޖޭއެސްސީގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުން އެނގޭ ގޮތުގައި ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހަވާލުކޮށްފައިވަނީ އަދުލްއިންސާފު ގާއިމް ކުރުމުގެ އާންމު އިދާރީ ކަންކަން ބެލެހެއްޓުން ކަމަށާއި ކޯޓުތަކުގެ އެތެރޭގެ އިދާރީ ކަންކަން އާ އިސްލާހުން ވެސް ޑީޖޭއޭއާ ހަވާލުކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައިވަނީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އެއްވެސް ކަމެއް ގާނޫނުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ ހަވާލު ކޮށްފައި ނުވާ ކަމަށާއި ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އެމަނިކުފާނު ކަމަށް ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުން ހިންގާނީ އުއްތަމަ ފަނޑިޔާރުކަން ކަމާއި ހައިކޯޓާއި ސްޕީރިއާ ކޯޓުތަކުގެ އިދާރީ ހިންގުން އޮންނަން ވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރުގެ ބެލުމުގެ ދަށުންކަން ގާނޫނުން ސާފުވާ ކަމަށާއި އަދި މެޖިސްޓްރޭޓް ކޯޓުތަކުގައި އެ ދައުރު އޮތީ އިސް މެޖިސްޓްރޭޓަށްކަން ވެސް އެނގޭ ކަމަށެވެ.

ނަމަވެސް އެ އުސޫލުތަކާއި ހިލާފަށް ޑީޖޭއޭއިން އަންގާ އެންގުންތަކާ ގުޅިގެން ޑރ. ފާއިޒް އުއްތަމަ ފަނޑިޔާރުގެ ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، ކޯޓުގެ އިސް ފަރާތަކީ އޭނާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށް އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

މި އަމަލުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދި ކޯޓުގެ އެތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގެއްލެމުންދާ ކަމަށާއި އަދި އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅަމުންދާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި މިގޮތަށް ކަންކަން ހިނގުމުން އެސްޖީ އަށް ނަސޭހަތް ދިނުމަކީ ލާޒިމު ކަމަކަށް ވީހިނދު، އޭނާ އަށް ނަސޭހަތްދީ އެފަދަ ކަމެއް ތަކުރާރު ނުކުރަން އަންގާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ މުވައްޒަފުންގެ މައްޗަށް ހަމަހަމަކޮށް ގަވާއިދު ހިންގުމަށް އޮންނަ އުސޫލުގެ ތެރެއިން އެސްޖީއާ މެދު ވެސް ފިޔަވަޅު އަޅަން ހުރަހެއް ނޯންނާނެ ކަމަށް އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާ އަށް އިންޒާރު ދިނުން ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ އެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެފަދަ އެންގުމަކީ އޭނާ އަށް އިންޒާރު ދިނުން ކަމެއް ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އަސާސެއް ވެސް ނޯންނާނެ ކަމަށެވެ.

އެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު އިލްތިމާސް ކުރައްވާފައިވަނީ ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން ވެސް ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ގެންދިއުމަށެވެ.