މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަލުން ރަޖިސްޓާ ކޮށްދެއިން ހުށަހަޅާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެ ޖަމިއްޔާ އަލުން ރަޖިސްޓާ ކޮށްދޭން ހުށަހަޅާފައި ނުވާކަމަށެވެ.
އެމްޑީއެން އުވާލަން އިއްޔެ ނިންމާފައި ވަނިކޮށް މިއަދު އެމްޑީއެންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޔޫތު މިނިސްޓްރީއިން ބަލަން ޖެހޭ ކަންކަން ނުބަލާ އެ ޖަމިއްޔާ އުވާލާފައި ވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެ ޖަމިއްޔާ އުވާލަން ނިންމި ނިންމުން އަނބުރާ ގެންގޮސް، އިންސާފުވެރިކޮށް މައްސަލަ ބަލައި ދިނުމަށާއި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.
މީގެ އިތުރުން އެމްޑީއެން އިން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ އެއް އަހަރު ނުވަނީސް ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ ޖަމިއްޔާއެއް އުވާލުމުގެ ރެކޯޑު ހައްދަވައިފި ކަމަށާއި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އަސާސީ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެކަމުގެ ވައުދާއި އެކުގައި ކަމަށް ވިދާޅުވެ ފާޑު ކިޔާފައެވެ.
އެމްޑީއެންއިން ޓްވީޓުކޮށްފައި މިވަނީ އިއްޔެ ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ އުވާލަން ނިންމުމާ ގުޅިގެންނެވެ. ޔޫތް މިނިސްޓަރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީއެންގެ ރަޖިސްޓްރީ ބާތިލު ކުރުމަށް އެ މިނިސްޓްރީން ނިންމަފައިވާ ކަމަށެވެ. އަދި އެކަން އިއްޔެ އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށާއި އެމްޑީއެންގެ ދަރަންޏާއި މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެ މިނިސްޓްރީން ވަނީ ދީފައި ކަމަށެވެ.
ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ހިލާފް ވާހަކަަތަކެއް ހުރި ކަމަށާއި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ ޖިމިއްޔާ މިދިޔަ މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑްކޮށްފައެވެ.
އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާތާ މަހެއް ވެއްޖެއެވެ. އެ ޖަމްއިއްޔާގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންކަން ކުށްވެރިކޮށް މިހާތަނަށް 140 ކައުންސިލަކުން ވަނީ ބަޔާންވެސް ނެރެފައެވެ. މީގެ އިތުރުން އިހުތިޖާޖު ކުރުމުގެ ހިނގާލުންތަކާއި، އެމްޑީއެންގެ އެ އަމަލު ކުށްވެރި ކުރުމުގެ ޝުއޫރު އުފުލައި އެ ރިޕޯޓު ލިޔުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއެކު އެ ޖަމްއިއްޔާ އުވާލުމަށް ދަނީ އަޑު އުފުލަމުންނެވެ.
ސަރުކާރުން އެމްޑީއެން އުވާލަން ނިންމާފައިވާ އިރު، މިހާރު އެ ރިޕޯޓު ލިޔުނު ފަރާތަކާއި އެ ޖަމިއްޔާ ވެރިންނަށް ފިޔަވަޅު އެޅުމަށް މީހުން ދަނީ ގޮވަމުންނެވެ.