ރައްޔިތުންގެ މަޖިލީހަކިީ މަޖާކުރުމަށާއި ފާޑުފާޑުގެ "ކޫސަނި" އަދަބު ދޭން އޮތް ތަނެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންމަޖިލީހުގެ ޖަލްސާތަކުގައި ހިނގާ ކަންކަމަށް ފާޑު ވިދާޅުވަމުން ޖަމީލު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިންގަން ޖެހޭނީ ގަވާއިދާއި އުސޫލުތަކުގެ ދަށުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި ކަންކަން މިހާރު ހިނގަމުން އަންނަ ގޮތަށް ބަލާއިރު އަމިއްލަ ވާހަކަ ދެއްކުމާއި މަޖާކުރުމާއި އަދި ފާޑުފާޑުގެ "ކޫސަނި" އަދަބުތައް ދިނުން ހިމެނޭ ކަން ޖަމީލު ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔޭގެ އެއްވެސް މަޖިލީހެއްގައި އެފަދަ އަމިއްލަ ގޮތްތައް ގެންގުޅެ، މަޖާކުރަން ހުއްދައެއް ނުކުރާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ މަޖިލީހަކީ ގައުމުގެ އެންމެ ސީރިއަށް އެއް މަސައްކަތް ކުރާ ތަން ކަމަށާއި މަޖީލީހުގެ ރައީސަކީ "ޖޯކަރަކަށް" ވެގެން ނުވާނެ ކަމަށެވެ. އަދި މިކަން މަޖާވެގެން ބައެއް މިޑިއާތަކުން އުޅުއްވާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިވާ އިރު އިއްޔެއާއި އޭގެ ކުރީ ދުވަހު ބައެއް ނޫސްތަކުގެ ފަލަ ސުރުހީގައި ލިޔެފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ތަކުރާރުކޮށް ކަށިގަނޑު ފުމުމުން އޭނާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވި އަދުބުތަކުގެ ވާހަކައެވެ.

އެގޮތުން މިދިޔަ ހޯމަ ދުވަހު، ޓޮމްއަށް އަދަބު ދެއްވާފައި ވަނީ، ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވުމާ ގުޅިގެން މަޖިލިސް ހޫނުވެފައިވާ ވަގުތެއްގައި މަޖިލިސް ތަޅުމުގައި ކަށިގަނޑު ފުންމެވުމުގެ ސަބަބުންނެވެ. އެކަން އެގޮތަށް ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވުމަށް ފަހުވެސް، މަޖިލީހުގައި އަޑުގަދަކޮށް، ކަށިގަނޑު ފުންމެވުން ނުހުއްޓެވުމުން މަޖިލީހުގެ ރައީސް ވަނީ ދެން މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުންމަވާނެ ކަމަށް 100 ފަހަރު ލިޔުއްވުމަށް އަންގަވާފައި ވެއެވެ.

އިއްޔެގެ ޖަލްސާގައި ހައިލަމް ސަސްޕެންޑު ކުރުމާއި ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ކުރުމާ ގުޅިގެން މަޖިޅީހުގައި ބައެއް މަންބަރުން އަޑުގަދަކޮށް މަޖިލިސް ހޫނުވި ވަގުތުގައި ތޯރިގް ކަށިގަނޑު ފުންމެވުމުން ރައީށް ނަޝީދު ވަނީ އޭނާއަށް އަނެއްކާވެސް އަދަބު ދެއްވާފައެވެ. އެގޮތުން އޭނާ ގެންގުޅުނު "ދުއްމާރި" މަޖިލީހުގެ އިދާރާއަށް ހަވާލުކުރެއްވުމަށް ފަހު މަޖިލީހުން ނުކުމެ ފާރަށް މޫނު ލައިގެން ހުންނެވުމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުންވެސް، އިއްޔެގެ މަޖިލީހުގައި އިދިކޮޅު މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ މަޖިލިސް ތެރޭގައި އަޑުގަދަކުރައްވާ ވާހަކަ ދެއްކެވުމުގެ ސަބަބުން، މަޖިލީހުގެ ކެމެރާ ސެންސަރު ކުރައްވަން ފެލިދޫ ދާއިރާގެ މެންބަރު އެދިވަޑައިގަތެވެ. މިކަމަށް ރައްދު ދެއްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ، ސެންސަރުވާން ބޭނުންވެވަޑައިގަންނަވާ ނަމަ މެންބަރުންގެ އަމަލުތަކާއި ވާހަކަތައް އެފަދައިން ނުބަހައްޓަވަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގައި ދެކެވޭ ވާހަކައާއި ރައްޔިތުން މަޖިލީހުގައި ހިނގާ އަމަލުތަކުގެ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.

އަދި މީގެ ދެ ހަފްތާ ކުރިންވެސް މަޖިލީހުގައި ދެމެންބަރެއްގެ ދެމެދުގައި ހިނގި ސަމާސާއެއް ވިހަވެ ހަމަނުޖެހުން ހިނގައިފައި ވެއެވެ. މި ހަމަނުޖެހުން ހިނގީ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާ ދެމެދުގައެވެ. މި މައްސަލާގައި އިބްރާހިމް ޝަރީފު ގާސިމާ ދިމާއަށް "ސޭޓޫ" އޭ ވިދާޅުވާން ފެށުމުން ގާސިމް އަތް ހޫރާލެއްވިއެވެ. އަދި އަތް ހޫރާލެއްވި ވަގުތު އިބްރާހިމް ޝަރީފުގެ އިސްތަށިފުޅުގައި ޖެހި ބޮލަށް އެނބުރުން އެރުމުން ޝަރީފް ވަނީ އެމްބިއުލނަސްގައި ހިސްޕިޓަލަށް ގެންގޮސްފައެވެ. މިމައްސަލައާ ގުޅިގެން ގާސިމާ ހަވާލާ ދެއްވާ ބައެއް މެންބަރުން ވިދާޅުވީ، އަތް ހޫރާލެއްވި ވަގުތު އިބްރާހިމް ޝަރީފުގެ އިސްތަށިފުޅުގައި ގޮސް ޖެހިލީ ކަމަށާ، ނުޖައްސަވާ ކަމަށެވެ. އަދި އިބްރާހިމް ޝަރީފަށް އެނބުރުން އެރީ ލޭ މައްޗަށް ދާތީ ކަމަށް ގާސިމާ ހަވާލާދީ އެ މެންބަރުން ބުނެފައި ވެއެވެ.