ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރުމުން 8.6 ބިލިއަން ރުފިޔާގެ ބަޖެޓު ކުޑަ ކަމަށް އެޑިޔުކޭޝަން މިނިސްޓާ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެޑިޔުކޭޝަން މިނިސްޓަރާ ސުވާލު ކުރަން އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓާ ވިދާޅުވީ އަންނަ އަހަރަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް ހިމަނާފައި ވަނީ 8.6 ބިލިއަން ރުފިޔާ ކަމަށެވެ. ސަބަބަކީ ތައުލީމީ ދާއިރާ އަށް ފުރިހަމަކޮށްދެއްވަން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރި ކަމަށާއި ވަރަށް ހާލުގައި ބައެއް ސްކޫލްތައް ހުރިކަމަށެވެ. އަދި އެ ސްކޫލް ތަކަށް އެ ރަށެއްގެ ދާއިރާ މެމްބަރުން އިތުރަށް ދޭން ބޭނުންވާ ނަމަ، އެ ފުރުސަތު ފަހިކޮށްދެއްވަން ވެސް މިނިސްޓަރޔގެ ވާހަކަ ފުޅުގައި އެދިވަޑައިގެންނެވިއެވެ.

އެޑިޔުކޭޝަން މިނިސްޓަރާ ސުވާލު ކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ. އޭނާ މިނިސްޓަރާ ސުވާލު ކުރަން ހުށަހެޅީ، ސަރުކާރުތަކުން ތައުލީމީ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން، ޓީޗަރުންގެ ހާލަތު ދަށަށް ގޮސްފައިވާތީ އާއި ޓީޗަރުންގެ މުސާރަ ބޮޑު ކުރެވޭނެ ދުވަހެއް ސާފު ކުރުމުގެ ގޮތުންނެވެ.

އެ މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓާ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މުސާރައިގެ އޮނިގަނޑު ބަދަލުކޮށް އެ އޮނިގަނޑު މިހާރު ޕޭ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅަކަށް ވެފައި އެކަން ފުރިހަމަ ވެގެންދާނެ ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށްވެސް މިނިސްޓަތުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. އަދި އަންނަ އަހަރު މުސާރަ އަށް ހެޔޮ ގޮތްތަކެއް ވާނެ ކަމުގެ ހަބަރު ލިބިފައިވާ ކަމަށަވެސް ވިދާޅުވިއެވެ.