ހަލުވި ކަމާއެކު ގައިން ގަޔަށް ފެތުރޭ ޖަރާސީމަކުން ތަޣައްޔަރުވެފައިވާ ރާސްބެރީއެއް ރާއްޖެ އެތެރެވެފައި ވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން ބުނީ “ނޯރޯވައިރަސް" ޖަރާސީމުން ތަޣައްޔަރު ވެފައިވާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީ ދިވެހިރާއްޖެއަށް އެތެރެވެފައި ވާކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (RASFF) މެދުވެރިކޮށް އެ އޮތޯރިޓީއަށް އަންގާފައި ވާކަމަށެވެ. މީގެ އިތުރުން އެމްއެފްޑީއޭ އިން ބުނީ އެ އެލާޓްއާއި ގުޅޭ އިތުރު މައުލޫމާތު ހޯދައި އެފަދަ އުފެއްދުން އަނބުރާ ބާޒާރުން ނެގުމުގެ މަސައްކަތް އެ އޮތޯރިޓީން ދަނީ ކުރަމުން ކަމަށާއި މި އުފެއްދުން ޑިސްޓްރިބިޔުޓް ވެފައިވަނީ ހަމަ އެކަނި ރިސޯޓް ތަކަށް ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ.
އަދި އެ އޮތޯތިޓީން ބުނެފައިވާގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތި އެތެރެކުރާ، ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކުން ފުރިހަމަ މައުލޫމާތު ނެތް ރައްކާތެރިކަން ކަށަވަރުނުވާ ގަނޑުކުރި ރާސްބެރީ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށްވެސް އެމްއެފްޑީއޭއިން އަންގާފައިވެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ހިމްބީގަންޒް މަރުކާގެ ގަނޑުކުރި ރާސްބެރީއަށް ވަކި ހާއްސަ ސަމާލުކަމެއް ދީގެން ބޯޑާގައި ބަލާ ފާސްކުރަމުންދާކަމުގައިވެސް އެމްއެފްޑީއޭއިން ބުނެއެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން ހާމަ ކޮށްފައިވާ ގޮތުގައި އެ ގައުމުގައި އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 21 މިލިޔަން މީހުންނަށް މި ވައިރަހުގެ އަސަރު ފޯރާކަމަށާއި އަދި ބަލީގެ އަލާމާތްތަކުގެ ތެރޭގައި އާންމުކޮށް ބަނޑުގެ ބަލިތަކުގައި ދިމާވާގޮތަށް ބޭރަށް ހިންގާފައި ހޮޑު ލެވޭ ގޮތް ވާކަމަށެވެ.
އަދި މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ވަނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭތި ބަލިކޮށް ނުލެވޭތީ އެ ޖަރާސީމުގެ އަސަރު ކުރާމީހުންގެ ތެރެއިން 50 އިންސައްތަ މީހުން ވަރަށްބޮޑަށް ބަލިވެ ހާލު ދެރަވާގޮތް ވާކަމަށް ވެއެވެ. ނޯރޯވައިރަސްއިން ރައްކާތެރިވުމަށްޓަކައި ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދީފައި ވަނީ ދިރިއުޅޭ ތަންތަން ބްލީޗްލައިގެން ރަނގަޅަށް ދޮވެ ސާފުކުރުމަށާއި އަދި ގިނަގިނައިން ސައިބޯނިލައިގެން އަތް ފައި ދޮވެ ހެދުމަށެވެ.
މި ވައިރަސް އެންމެ ފަސޭހަކަމާ އެކު ފެތުރެނީ ބަލިޖެހިފައިވާ މީހާ ކިނބިހި އެޅުމުންނާއި ކެއްސައި ހެދުމުން ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. އަދި ނޯރޯވައިރަސް ހަށިގަނޑުގެ ބޭރުގައި ދެގަޑި އިރާއި ހަތަރުގަޑި އިރުގެ މުއްދަތަކަށް ދިރި ހުންނަ އިރު އޭގެ އިންފެކްޝަން ހަފްތާތަކަކަށް ދެމިގެންދާ ކަމަށްވެއެވެ.