މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ޔޫތް މިނިސްޓަރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އެމްޑީއެންގެ ރަޖިސްޓްރީ ބާތިލު ކުރުމަށް އެ މިނިސްޓްރީން ނިންމަފައިވާ ކަމަށެވެ. އަދި އެކަން މިއަދު އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށާއި އެމްޑީއެންގެ ދަރަންޏާއި މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް އެ މިނިސްޓްރީން ވަނީ ދީފައި ކަމަށެވެ.
މި މައްސަލައިގައި ޔޫތު މިނިސްޓްރީއާއި ފުލުހުނާއި އިސްލާމިކް މިނިސްޓްރީ އަދި ކަމާ ގުޅުން ހުރި އެހެނިހެން ފަރާތްތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ޖަމިއްޔާއިން ނެރުނު ރިޕޯތުގައި އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހުރިކަން ކަށާވެރުވެފައިވާ ކަމަށް އެ ޔޫތު މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާ ހިލާފް ވާހަކަަތަކެއް ހުރި ކަމަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ ޖިމިއްޔާ މިދިޔަ މަހުގެ 10 ވަނަ ދުވަހު ސަސްޕެންޑްކޮށްފައެވެ.
އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާތާ މަހެއް ވެއްޖެއެވެ. އެ ޖަމްއިއްޔާގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންކަން ކުށްވެރިކޮށް މިހާތަނަށް 140 ކައުންސިލަކުން ވަނީ ބަޔާންވެސް ނެރެފައެވެ. މީގެ އިތުރުން އިހުތިޖާޖު ކުރުމުގެ ހިނގާލުންތަކާއި، އެމްޑީއެންގެ އެ އަމަލު ކުށްވެރި ކުރުމުގެ ޝުއޫރު އުފުލައި އެ ރިޕޯޓު ލިޔުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއެކު އެ ޖަމްއިއްޔާ އުވާލުމަށް ދަނީ އަޑު އުފުލަމުންނެވެ.
އިސްލާމްދީނާ ރަސޫލާއަށް ތައުހީން ކޮށް ނެރުނު ރިޕޯޓަކީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށް ބުނެފައި ވީ ނަމަވެސް ރިޕޯޓުގެ މައްސަލަ ފެންމަތިވީ ދާދި އިހަށް ދުވަހުއެވެ. އަދި ކުރިން ނެރުނު ކަމަށް ބުނާ އެރިޕޯޓުގެ ކުރީގެ އަދަދުގައި އިސްލާމްދީނާއި ރަސޫލާއަށް ތައުހީން ކުރި ބައި ހިމެނޭކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.