ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި ހުކުމް އިއްވަން މިއަދަށް ތާވަލްކުރި ޝަރީއަތުގެ އަޑުއެހުން، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑްކުރުމުން ކެންސަލް ކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް މެދުވެރިކޮށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި މިއަދު ޖޭއެސްސީ އަށް ހާޒިރުވާން ވަނީ އަންގާފައެވެ. ކަން ހިނގި ގޮތް ނޫސް ބަޔާނަކުން ހާމަކޮށްދީފައިވާ ކަމަށް ވިދާޅުވެ ހައިލަމް ޖޭއެސްސީ އަށް ހާޒިރުވެވަޑައި ނުގަތުމުން ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ޖޭއެސްސީއިން ބުނީ ހައިލަމް މިއަދުގެ ބައްދަލުވުމަށް ހާޒިރުވެފައިނުވާ ކަމަށާއި އޭނާ ހާޒިރުވާން އުޒުރުވެރިވެ ދެއްކެވި ސަބަބަކީ ގަބޫލު ކުރެވޭ ފަދަ ސަބަބެއް ނޫން ކަމަށެވެ. ރޭ ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ބުނެފައިވާ ވާހަކަތަކަކީ އެ މައްސަލާގައި ހައިލަމް ދޭން ބޭނުންވާ މައުލޫމާތު ކަމަށް ބަލައި، އެއީ އޭނާގެ ބަސް ތަހުގީގަށް ހޯދުނީ ކަމަށް ޖޭއެސްސީއިން ވަނީ ނިންމާފައެވެ. މައްސަލައާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީ ކަމަށާއި ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖް ލީކްކޮށްލާފައިވާއިރު، އެ މެސެޖްގައި ހިމެނޭ ކުރެހުމުން ފެންނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާދިން ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައި ވެއެވެ.

މިކަމާ ގުޅިގެން ހައިލަމް ރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ، ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓޯގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރި އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ހައިލަމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.