ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަކީ އަމިއްލަ ނަފްސަށާއި އެހެންފަރާތްތަކުގެ ހައްގުގައި ކޮށްދޭންޖެހޭ މުހިންމު ކަމެއްކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ "ނެޝަނަލް ކޮންފަރެންސް އޮން ރިވައިޓަލިޒިން ޕަބްލިކް ހެލްތް" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޑޮކްޓަރުންގެ އިރުޝާދު އަބަދުވެސް އަޑުއަހަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަމާއި، ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީވެސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަތުމަށް އިލްތިމާސް ކުރެއްވިއެވެ. މީގެއިތުރުން ހަށިގަނޑަށް ފައިދާހުރި ކާނާބޭނުކުރުމަށް ހާއްސަ ސަމާލުކަމެއްދީ ކުޑަކުދިންނަށް ނަމޫނާ ދައްކަން ޖެހޭކަމަށް ނައިބު ރައީސްގެ ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން މިހާރުވެސް އާންމު ސިއްހަތުގެ ނިޒާމު އަދި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ތުއްތުކުދިންގެ ސިއްހަތާއި އެހެނިހެންކަންކަން ގާތުން ބެލުމަށް މައިންނަށް ވަގުތު ދިނުމުގެ ގޮތުން މައިންނަށް ދެވޭ ވިހެއުމުގެ ޗުއްޓީ އިތުރުކޮށްދިނުމާއި ސަރުކާރުން ފަށާފައިވާ ސްކޫލް ހެލްތު ޕްރޮގްރާމާއި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދުންފަތުން ލިބޭ ގެއްލުމުން މުޖްތަމައު ސަލާމަތްކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އާންމު ތަންތަނުގައި އެހެންމީހުގެ ސިއްހަތަށް ގެއްލުންލިބޭ ފަދަ ގޮތްތަކަށް ދުންފަތުގެ އިސްތިއުމާލުކުރުން ނިމުމަކަށް ގެނައުމަށްވެސް ނައިބު ރައީސް ގޮވާލެއްވިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި މަހާސިންތާއަކީ ރައްޔިތުންގެ އާންމު ސިއްހަތު ރައްކާތެރިކުމުގެ ގައުމީ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި މަޝްވަރާކޮށް ކަންތައްތަކެއް ނިންމުމުގެ ގޮތުން ކުރިޔަށްގެންދެވޭ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގެ ސިއްހީ ދާއިރާގެ އެހާރާއި މިހާރުގެ ފަންނުވެރިންނާއި ހިދުމަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.