ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އަލީ ޒާހިރު އައްޔަންކުރައްވައިފިއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް އައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ.
މަހާޒް ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރައްވާ އެ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައީސް އޮފީހުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަހާޒަށް ހުވައިލައިދެއްވީ، އުއްތަމަ ފަނޑިޔާރު ޑޮކްޓަރު އަހުމަދު އަބްދުﷲ ދީދީއެވެ.
ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒް، އައްޔަން ކުރުމަށް ފާސް ކުރީ 55 މެންބަރުން ވޯޓް ލިބިގެންނެވެ. މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް ސޯލިހު ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.
މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވާފައެވެ. ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގައެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ.