ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ވާހަކަ މަޖިލީހުގައި ދެކެވެން ފެށުމާ އެކު ގިނަ މެންބަރުން ކޯފަ އިސްކުރައްވައިފިއެވެ.

ގިނަ މެންބަރުންގެ ފާޑު ވިދާޅުވުން ގާޒީ ހައިލަމަށް އަމާޒުވެފައި ވާއިރު، މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ މެންބަރުންގެ ގޮނޑިން ތެދުވެވަޑައިގެން، މަޖިލީހުގެ ކުރީގައި ސަފު ހައްދަވައިގެން ކޮޅަށް ތެދުވެ ވަޑައިގެންފައެވެ. އެގޮތުން، ބައެއް މެންބަރުން ދަނީ ގާޒީ ހައިލަމް އަކީ މީހާރުން މިހާރަށް މަގާމުން ވަކި ކުރަން ޖެހޭ ފަނޑިޔާރެއް ކަމަށް ވިދާޅުވެ، އޭނާ މަގާމުން ވަކި ކުރެއްވުމަށާއި ސަސްޕެންޑް ކުރެއްވުމަށް ގޮވާލައްވަމުންނެވެ.

ގާޒީ ހައިލަމްގެ މައްސަލާގައި މަޖިލިސް ހޫނުވެފައި ވާއިރު ބައެއް މެންބަރުން ގެންދަވަނީ، މާދަމާ އޮތް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ހައިލަމް ކުަރއްވާ ހުކުމަކީ އިންސާފުން ކުރެއްވޭނެ ހުކުމެއް ނޫންކަމަށް ވިދޅުވެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު / ފޮޓޯ: މަޖިލިސް

ނަމަވެސް، ޑީއާރުޕީގެ ލީޑަރު އަދި މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު ވަނީ ގާޒީ ހައިލަމް ދިފާއު ކުރައްވާފައެވެ.

މެންބަރުންގެ ނުރުހުން ގާޒީ ހައިލަމަށް އަމާޒުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަވާ ގޮތަށް ކުރަހާފައި އޮތް ކުރެހުމެއްގައި އެ ފަރާތްތަކުގެ ކަރުފުޅުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބާ ގްރޫޕެއްގައި ފޮނުއްވި މެސެޖެއް އާންމުވުމާއި ގުޅިގެންނެވެ.

ކްރިމިނަލް ކޯޓްގެ ރެކްރިއޭޝަން ކްލަބްގެ ވައިބާ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ކުރެހުމުގައި 3 ނޮވެމްބަރު 1988 ގައި ލަންކާ ބަޔަކާ ގުޅިގެން ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަޣާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް ސޯލިހާއި ރައީސް ނަޝީދާއި އަދި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވެއެވެ. އަދި އެ ޗޭނު ހިފަހައްޓައިގެން ޝަހީދު ހުސައިން އާދަމް ހުންނެވި އިރު، އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" ލިޔެފައި އޮވެއެވެ.