"ޕާސަނަލް ފައިނޭންސިން" ހިދުމަތް އެއް ދުވަސްތެރޭ ހަމަޖައްސައިދޭ ގޮތަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން ކަނޑައަޅައިފިއެވެ.

މި ހިދުމަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މި ގެނެވުނު ބަދަލަކީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި "ޕާސަނަލް ފައިނޭސިން" އަށް ލިބެމުންދާ އާންމުންގެ ބޮޑު ތަރުހީބާއެކު އެއް ދުވަސްތެރޭ މި ހިދުމަތް ފޯރުކޮށް ދެވިގެން ދާކަމީ ވަރަށް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަކީ މުސާރަ ޖަވާމާ ފަރާތްތަކަށް އަމާޒުކޮށް މަހުން މަހަށް ފައިސާ ދައްކާ ގޮތަށް 300،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިސްލާމިކް އާއެކު އެއްބަސްވުން އެކުލަވާލާފައިވާ ވިޔަފާރި ތަކުން މުދާ ގަނެވޭ ހިދުމަތެކެވެ. މިގޮތުން އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު، އިލެކްޓްރޯނިކްސް، ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި އަދި މޮޓޯ ސައިކަލް ފަދަ މުދާ ނެގޭނެއެވެ. މި ފެސިލިޓީގެ ދަށުން މުދާ ނެގިނަމަވެސް އެއްވެސް އެޑްވާންސް ޕޭމެންޓެއް އަދި ޕްރޮސެސިން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ އެއް ދުވަސްތެރޭ ހަމަޖައްސައިދެނީ

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައި ވަނީ އިސްލާމިކް ބޭންކިންނާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ކަމަށްވެސް ބީއެމްއެލް އިސްލާމިކުން ބުނެއެވެ. މީގެ އިތުރުން ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ބޭނުން ކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކަމަށްވެސް ބީއެމްއެލް އިސްލާމިކް ބޭންކުން ބުނެއެވެ.

މި ބޮޑު ބަދަލާއެކު މިއީ ރާއްޖޭގައި މިވަގުތު އިސްލާމިކް އުސޫލުތަކުގެ މަތިން އެންމެ އަވަހަށް ލިބޭ ޕާސަނަލް ފައިނޭންސިންގެ ހިދުމަތަށް ވެގެންދާނެއެވެ.