އެ ދުވަހާ އަޅާބަލާއިރު މިއަދު ސިފައިން ތައްޔާރުވެފައިވާ މިންވަރާއި އެލާޓް ލެވަލްގެ އިތުރުން އޮޕަރޭޝަނަލް އިންތިޒާމް ވަރަށް ބޮޑުތަން ރަނގަޅު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
31 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ދިފާއީ ބާރުން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މީގެ 31 އަހަރު ކުރިން، 3 ނޮވެމްބަރު ވަނަ ދުވަހަށް އިޝާރާތް ކުރައްވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި ރާޑަރު ސިސްޓަމްތައް ހަރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން ގެންދެވޭ ކަމަށާއި ނޭނގި ޑިޓެކްޓް ނުވެ ނުރައްކާތައް ދެން ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ފުރުސަތުތައް ވަނީ ވަރަށްވެސް ހަނިކުރެވިފައި ކަމަށެވެ.
އެދުވަހުގެ ހާދިސާއަށް އިޝާރާތް ކުރައްވާ މާރިޔާ ވިދާޅުވެފައި ވަނީ ކައިރި ގައުމެއްގެ ޓެރަރިސްޓު ޖަމާއަތެއް ރާއްޖެ އެތެރެވެ، މާލެއާ ހަމައަށް އައި އިރު އެކަން ނޭނގޭ ކަމަށެވެ. އަދި އެދުވަހުގެ ހާދިސާއަށް ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދުޝްމިނުންގެ ވަޒަންތަކާ ފުރަތަމަ ކުރިމަތިލެއްވި ޝަހީދު އާދަމް ހުސައިންގެ އަތުން ވަޒަން ހުސްވުމުން އިތުރަށް ވަޒަން ފޯރުކޮށްދެވޭނެ ގޮތެއް ނެތްކަމަށާއި ރައްކާތެރި އެހެން ތަނަކަށް ޖެހިލެވޭނެ ގޮތެއްވެސް ނެތްކަމަށެވެ. އަދި ސިފައިންގެ މައި ބަޑިގުދަނުގެ ތަޅުދަނޑިފަތި އޮތީ މަރުކަޒުން ބޭރުގައި ކަމަށާ، އޮފް ޑިއުޓީގައި އުޅުނު ސިފައިންގެ މީހަކަށް ޖެހުނީ އެ ތަޅުދަނޑިފަތި ބަންޑާރަކޮށީގެ ފާރުމަތިން އެއްލަން ކަމަށެވެ. ނަމަވެސް ބޭރުގެ އަސްކަރިއްޔާތަކުން ލިބޭ އެހީގެ ތެރެއިން މިހާރު ސިފައިންނަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރާއި އެހެނިހެންވެސް އާލާތްތައް ހޯދިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އެ ދުވަހު ސިފައިންގެ ހިސޯރުކޮށް ދުޝްމަނުން މުޅި މާލޭގެ އެކި ހިސާބަށް ގޮސް ގޭގެއަށްވެސް ހަމަލާ ދިން ކަމަށެވެ. އަދި އޭރު މުޅި ދައުލަތުގެ ދިފާއު އޮތީ ބަންޑާރަކޮށްޓަށް ބަރޯސާ ވެގެންކަން މާރިޔާ ފާހަގަ ކުރެއްވިއެވެ. ސިފައިންގެ އަސްކަރީ ގާބިލުކަން އިތުރުކޮށް ސިފައިންގެ މުއައްސަސާއަކީ މިހާރަށްވުރެވެސް ޕްރޮފެޝަނަލް މުވައްސަސާއަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒު ކަމަށްވެސް ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އަދި އެދުވަހު ޕްރޮގްރެސްލައިޓު ކިޔާ ބޯޓު ހިފައި، އޭގައި ފިލަން އުޅެނިކޮށް އެމީހުން ހުއްޓުވީ ރާއްޖެއިން އިންޑިއާ ސިފައިންގެ އެހީއަށް އެދުމުން، އެމީހުންގެ އެހީގައި ކަމުން އެ ދުވަހު އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ވެ ދިން އެހީތަކަށް މާރިޔާ ވަނީ އިންޑިއާއަށް ޝުކުރު އަދާކުރައްވާފައެވެ.