އެދުވަހެކޭ ވެސް އެއްފަދައިން މިއަދު ވެސް ދިވެހި ސިފައިން ތިބޭނީ ދިވެހި ދައުލަަތް ހިމާޔަތްކުރަން ކަމަށް ޝަމާލު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، އުދުވާނީ ހަމަލާ ދިން ދުވަހު ސިފައިން ކުރި ހިތްވަރުން ހިތްވަރު ލިބިގަނެ އެދުވަހެކޭ ވެސް އެއްފަދައިން މިއަދު ވެސް ދިވެހި ސިފައިން ތިބޭނީ ދިވެހި ދައުލަަތާއި، މި ލޮބުވެތި ވަތަންގެ މިނިވަންކަމާއި، ގާނޫނީ ވެރިކަން ހިމާޔަތްކޮށް ދިފާއުކުރުމަށް ކެރިގެން ތައްޔާރަށް ކަން ދިވެހި ރައްޔިތުންނަށް ޔަގީންކަން އަރުވާ ކަމަށެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ޝަހީދު ކޯޕްރަލް ހުސައިން އާދަމްގެ ހަޔާތުން އިބްރަތް ހާސިލްކުރުމަށް ދިވެހި ޒުވާނުންނާއި، ހުރިހާ ސިފައިންނަށް ޝަމާލު އިލްތިމާސް ކުރެއްވިއެވެ. އެކަމަށް އަލިއަޅުއްވާ ލައްވަމަުން ޝަމާލު ވިދާޅުވީ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަކީ އެންމެން ސިއްސުވާލި އަދި ވަރަށް ކުއްލި ގޮތަކަށް ދިން ހަމަލާއެއް ކަމަށެވެ. އެ ދުވަހު ދުޝަމަނުންގެ ރޭވުން ނާކާމިޔާބުވެގެން ދިޔައީ އެންމެ ފުރަތަމަ ވަގުތުން ފެށިގެން ހިތްވަރުގަދަ ސިފައިން ދިން ޖެހިލުން ކުޑަ ރައްދު ހަމަލާތަކުގެ ސަބަބުން ކަމަށް ޝަމާލު ވިދާޅުވިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޑެފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަޑައިގަންނަވަނީ / ފޮޓޯ: ރައީސް އޮފީސް

ހަމައެއާއެކު، ނަސްރުގެ ދުވަސް ރާއްޖެއަށް ލިބުމުގައި ޝަހީދު ހުސައިން އާދަމާއި އަދާ ކުރި ރޯލް ފާހަގަ ކުރައްވަމުން ޝަމާލު ވިދާޅުވީ، މައި ގޭޓުގެ ދިފާއުގައި އޭނާ ހުރި ކަމަށާއި އަދި އިސްނެގުމާއި ހުށިޔާރުކަމުން، ދުޝްމަނުންގެ 'އެލެމެންޓް އޮފް ސަޕްރައިޒް" ގެއްލުވާލީ އޭނާ ކަމަށެވެ. އަދި އޭނާ ލެއާއި ފުރާނައިން ގުރުބާންވެގެން ދިޔަ އިރު އެތެރޭގައި ތިބި ސިފައިންނަށް ހަތިޔާރާއެކު ދިފާއީ މަގާމުތަކަށް ނުކުތުމަށް ވަގުތު ލިބިގެން ދިޔަ ކަމަށް ޝާމާލު ވިދާޅުވިއެވެ.

ދިވެހި ސިފައިންނަކީ މާއްދީ ގޮތުންނާއި ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަބަދުވެސް ތައްޔާރަށް ތިބޭ އަދި ދީނާއި ގައުމު ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރާ ކަމަށް ޝަމާލު ވިދާޅުވިއެވެ. އަދި އެކަން ކޮށްދިނުމަށް މަސައްކަތް ކުރައްވާ ޖެނެރަލް އޮފިސަރުންނާއި، އެކި ލެވެލްތަކުގައި މަސައްކަތް ކުރާ ކޮމާންޑަރުންނާއި، އިންޓޭގްރޭޓެޑް ހެޑްކުއާޓާސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ ޖޮއިންޓް ސްޓާފް އޮފިސަރުންނާއި ކޮމާންޑް ސާޖަން މޭޖަރުންނާއި އިސް ބޭފުޅުން ކުރައްވާ މިންނަތް މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝާމާލުވަނީ ޝުކުރު އަދާކުރައްވާފައެެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މާޒީ ހަނދާންކުރައްވަމުން ޝަމާލު ވިދާޅުވީ، 1988، ނޮވެމްބަރު 3، ގެ އުދުވާނީ ހަމަލާއަކީ މީގެ 31 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުވެރި ހަމަލާއެއް ކަމަށެވެ. އެ ހަމަލާގައި ދިވެހިންގެ 19 މީހަކު ޝަހީދުވި އިރު އޭގެތެރެއިން 8 މީހުންނަކީ ދިވެހި ކެރޭ ސިފައިންކަން ފަހުރުވެރިކަމާއެކު ޝަމާލު ފާހަގަކުރެއްވިއެވެ. އެދުވަހު ޝަހީދުވި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށާއި އެދުވަހު ދިވެހިރާއްޖެއަށް ދާއިމީ މިނިވަންކަން ލިބުމަށްޓަކައި ގުރުބާންވި ހިއްވަރުގަދަ ދިވެހި ސިފައިންނަށާއި އެކި ގޮތުން ސިފައިންނަށް އެހީތެރިވެދިން އެންމެހާ ދިވެހި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝަމާލް ޝުކުރު ދަންނެވިއެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔަޑް މޭޖާ ޖެނެރަލް މުހައްމަދު ޒާހިރާއި، ލެފްޓިނަލް ޖެނެރަލް ރިޓަޔަޑް އަންބަރީ އަބްދުއްސައްތާރުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ސީނިއާ އޮފިސަރުންނާއި ދިވެހި އަސްކަރިއްޔާއިން ރިޓަޔާވެފައިވާ އިސް ހިދުމަތްތެރިން އަދި އެންމެހާ ސިފައިން ވެސް ބައިވެރި ވިއެވެ.