މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއޭން) އުވާލަން ނިންމައިފި ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ. އިތުބާރު ހުރި މަސްދަރަކުން އެކަން ވަނީ ޔަގީން ކޮށްދެއްވާފައެވެ.

އެމްޑީއެން އުވާލާކަން ޔަގީން ކޮށްދެއްވަމުން އެފަރާތުން ވިދާޅުވީ، ކަމާ ބެހޭ މުއައްސަސާއިން މި ހަފްތާގައި އެކަން އިއުލާނު ކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައި ވިދާޅުވީ، އެކަން ނިމިގެންދާނީ ގިނަ ދިވެހިން އެދެމުން ދާ ގޮތަށް ކަމަށެވެ.

އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލާއަށް ތައުހީނުކޮށް ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން، އެ ޖަމްއިއްޔާ އުވާލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާތާ މަހެއް ވެއްޖެއެވެ.

އެޖަމްއިއްޔާގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ކަންކަން ކުށްވެރިކޮށް މިހާތަނަށް 140 ކައުންސިލަކުން ވަނީ ބަޔާންވެސް ނެރެފައެވެ. މީގެ އިތުރުން އިހުތިޖާޖު ކުރުމުގެ ހިނގާލުންތަކާއި، އެމްޑީއެންގެ އެ އަމަލު ކުށްވެރި ކުރުމުގެ ޝުއޫރު އުފުލައި އެ ރިޕޯޓު ލިޔުނު މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއެކު އެ ޖަމްއިއްޔާ އުވާލުމަށް ދަނީ އަޑު އުފުލަމުންނެވެ.

މޯލްޑިވިއަން ޑިޓެއިނީ ނެޓްވޯކްގެ ނަމުގައި 2004 ވަނަ އަހަރު ވުޖޫދަށް އައި އެ ހަރަކާތް 2010 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ނަމަށް ބަދަލުކޮށް މަސައްކަތްތައް ފުޅާކުރިއެވެ. ޑިޓެއިނީން ނުވަތަ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި ވަކާލާތު ކުރަން އުފަންވި ހަރަކާތުގެ މަސައްކަތް ފުޅާކޮށް އެކިއެކި ދާއިރާތަކަށް އަމާޒުކޮށް ރިޕޯޓުތައް ލިޔެ ޝާއިއު ކުރަމުން ދިޔައެވެ.

އިސްލާމްދީނާ ރަސޫލާއަށް ތައުހީން ކޮށް ނެރުނު ރިޕޯޓަކީ 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއް ކަމަށް ބުނެފައި ވީ ނަމަވެސް ރިޕޯޓުގެ މައްސަލަ ފެންމަތިވީ ދާދި އިހަށް ދުވަހުއެވެ. އަދި ކުރިން ނެރުނު ކަމަށް ބުނާ އެރިޕޯޓުގެ ކުރީގެ އަދަދުގައި އިސްލާމްދީނާއި ރަސޫލާއަށް ތައުހީން ކުރި ބައި ހިމެނޭކަން ނުވަތަ ނޫންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.