ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ބެހޭ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައިގެ ތަހުގީގުގެ އަޑުއެހުން އަނެއްކާވެސް ފަސްކޮށްފިއެވެ.
ޖޭއެސްސީން ބުނީ، ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައާ ގުޅިގެން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ތަހުގީގުގެ އަޑުއެހުން ފަސްކުރެވިފައި ވަނީ ފަނޑިޔާރު އާދަމް މުހައްމަދު ދަތުރެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ކަމަށެވެ. އަދި ފަނޑިޔާރު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އެ ތަހުގީގު ކުރިއަށް ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މީ މި އަޑުއެހުން ފަސްކުރެވުނު 4 ވަނަ ފަަހަރެވެ. މި އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނިކޮށް ފުރަތަމަ ފަސްކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. ދެން ދެވަނަ ފަހަރަށް ފަސްކޮށްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހަށެވެ. މި ތަހުގީގު ފަސްކޮށްފައި ވަނީ ފަނޑިޔާރުގެ ފަރާތުން ހާޒިރުވި ވަކީލު ޖޭއެސްސީން ބަލައި ނުގަތުމާ ގުޅިގެންނެވެ. އަދި ފަހުން ފަނޑިޔާރު އާދަމް މުހައްމަދުގެ ފަރާތުން ގާނޫނީ ވަކީލަކު ހާޒިރު ނުވުމުގެ ސަބަބުން ތިން ވަނަ ފަހަަރަށް މިއަޑުއެހުން ފަސްކޮށްފައި ވަނީ މާދަމާއަށް ތަހުގީގު ބެއްވުމަށް ތާވަލް ކޮށްފައެވެ.
މި އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދުގެ އެދިވަޑައިގަތުމުގެ މަތިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ އަޑުއެހުމެކެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ބޭއްވި ދެ އަޑުއެހުމުގައި ވެސް ފަނޑިޔާރު އާދަމް މުހައްމަދު ވަނީ ޖޭއެސްސީ އިން އޭނާގެ އަސާސީ ހައްގަކަށް އަރައިގެންފައިވާ ކަމަށާއި، އެމީހަކު ބޭނުންވާ ވަކީލެއް އައްޔަން ކޮށްގެން މައްސަލަތަކުގައި ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށް ވިދާޅުވެފައެވެ.