ދިވެހިރާއްޖޭގެ ފަހުރުވެރި 31 ވަނަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައި މިއަދު ހެނދުނު 06:30 ގައި ބޭއްވި މިރަސްމިއްޔާތުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި މީހުންގެ ހަނދާނުގައި ހަތްބަޑީގެ ސަލާމެއް އަރުވައި ހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

މިރަސްމިއްޔާތުގައި ސިފައިންގެ އަޒުމް އާ ކުރުން އޮތްއިރު، ސިފައިންގެ އަޒުމް އާ ކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކޮށްފައިވާ އެކިރޭންކުތަކުގެ ބޭކަލުންނާއި ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖަހައި ގާޑު މައުންޓް ކުރިއިރު ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ގާއިމްވެތިބޭ ހުރިހާ މަރުކަޒުތަކެއްގައި މިއަދުގެ ފަތިސް ނަމާދު ވަނީ އެއްޖަމާއަތެއްގައި ކޮށްފައެވެ. އެގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާގައި ސިފައިން ފަތިސް ނަމާދަށް ޖަމާވެފައިވަނީ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމް ''އިސްލާމީ މަރުކަޒު'' އަށެވެ. ނަމާދަށްފަހު ނަސްރުގެ ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފައެވެ.