ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުން ހިފެހެއްޓި ލޮރީއެއްގެ ތެރޭގައި ފިލާ ތިއްބާ، ޕާކިސްތާނުގެ 30 އަށްވުރެ ގިނަ ރެފިއުޖީން ފެނިއްޖެއެވެ.

ފަރަންސޭސި ޕްރޮސެކިއުޓަރުން ބުނީ މި ލޮރީ ދުއްވަން އިނީވެސް ޕާކިސްތާނު މީހެއް ކަމަށާ، އެމީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

ގަވައިދާ ހިލާފަށް ވިލާތަށް އެތެރެވާން އުޅުނު ރެފިއުޖީންތަކެއް ފަރަންސޭސިވިލާތުން ފެނިފައި މިވަނީ، ބެލްޖިއަމްއިން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކުރި ފިނިކުރާ ލޮރީއެއްގެ ތެރޭގައި މަރުވެފައި އޮތް 39 ހިޖުރަވެރިއެއްގެ ހަށިގަނޑުތަކެއް ފެނި، އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

ފަރަންސޭސިވިލާތުން އިޓަލީވިލާތަށް ވަދެވެން އޮންނަ ސަރަހައްދީ އިމާ ދާދި ކައިރިން ލޮރީ ހިފަހައްޓާފައިވަނީ އާންމުކޮށް ހިންގާ ބަލާފާސް ކުރުމުގެ ހަރަކާތުގެ ތެރެއިން ކަމަށް ފަރަންސޭސި ޕްރޮސެކިއުޓަރުން ބުނެއެވެ.

ގަވައިދާ ހިލާފަށް ވިލާތަށް އެތެރެވާން އުޅުނު ޕާކިސްތާނުގެ ހިޖުރަވެރިންގެ ތެރޭގައި ފުރާވަރު އުމުރުގެ 3 ކުއްޖަކު ހިމެނޭއިރު ގާނޫނީ އިމުގެ ތެރެއިން 3 މި ކުދިން މިހާރު ވަނީ އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ގަވައިދާ ހިލާފަށް ވިލާތަށް ހިޖުރަކޮށްދިނުމުގެ "ހިދުމަތް" ދެމުންދާ ނެޓްވާކްތަކުގެ އެންމެ ފުނަށް ފީނުމަށް މަސައްކަތް ކުރަމުންނެވެ.