ޕީޕީއެމް އިން މިރޭ އެޕާޓީގެ އޮފީސް ދޮރުމަތީގައި "ބަޑިބުރާސްފަތި" ނަމުގައި ބާއްވަން އުޅޭ ރެލީގައި ޑީއާރުޕީން ބައިވެރިވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ޑީއާރުޕީން ވަނީ "ބަޑިބުރާސްފަތި" ރެލީގައި އެ ޕަޓީގެ ލީޑާޝިޕް ބައިވެރިވާނެ ކަމާށާއި، އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ދައުވަތު އަރުވާ ޓްވީޓެއް ކޮށްފައެވެ. ނަމަވެސް، އެ ޕާޓީގެ ރަޖިސްޓްރާ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) 'ދަ ޕްރެސް' އަށް ވިދާޅުވީ، ޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ބޮޗޭ ވިދާޅުވީ، ޖާބިރު އަދި ކާނަލް ރެލީގައި ބައިވެރިވެ ވަޑައިނުގަންނަވާނީ އެ ދެ ބޭފުޅުން މިވަގުތު މާލޭގައި ނޫޅުއްވާތީ ކަމަށެވެ. ނަމަވެސް، އެ ޕާޓީގެ ލީޑާޝިޕުގެ ފަރާތުން ޕާޓީގެ ރަޖިސްޓްރާ، އަދި ސެކެޓްރީ ޖެނެރަލް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ޑީއާރުޕީން މި ރެލީގައި ބައިވެރިވާނެ ކަން އިއުލާން ކޮށްފައި ވާއިރު، ފުލުހުން ވަނީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ފުލުހަށް ހާޒިރުކޮށް، އެ ރެލީ ކުރިއަށް ނުގެންދިއުމަށް އެދިފައެވެ. އަދި ފުލުހުން ވަނީ އެ ރެލީ ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. މިކަމާ ގުޅޭ ގޮތުން ބޮޗޭ ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިހާރު ފުލުހުންގެ ހުއްދަ ނެތި އެއްވުންތައް ނުބޭއްވޭނެ ކަމަށް ބުނެފައިވީ ނަމަވެސް، ޑީއާރުޕީއަށް އެނގިފައިިވާ ގޮތުގައި، އެ ރެލީ ބޭއްވުމަށް ޕީޕީއެމުން ހުއްދައަށް އެދުނެވެ.