ފުލުހަށް ހާޒިރުވުމަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް އުޒުރުވެރިވެފައިވާ ކަމަށް ބުނެވުނީ ކުށަކުން ކަމަށް ފުލުހުނެ ބުނެފިއެވެ.

ފުލުހުން ބުނީ، އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ޑރ. އަޒުރާ ނަސީމް އަދި ޝަހިންދާ އުޒުރުވެރިވެފައިވާ ކަމަށް ބުނެވުނީ ކުށަކުން ކަމަށެވެ. އަދި ތަހުގީގަށް ހަޒިރުވާން އުޒުރުވެރިވީ އަޒްރާ އެކަނި ކަމަށާއި، ޝަހިންދާއަށް ޗިޓު ފޮނުވާފައިވާ ކަމަށާއި، އޭނާގެ ފަރާތުން އަދި ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އަދި ޝަހިންދާއަށް ޗިޓު ކިޔާފައިވާ މުއްދަތުވެސް ހަމަ ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އެފަދައިން ބުނެވުނީތީ، ކުށަށް މައާފަށް އެދިފައެވެ.

އެމްޑީއެން ރިޕޯޓް ގުޅިގެން އަޒްރާއަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ކިޔުމުން، ތަހުގީގަށް ހާޒިރުވުމަށް ރާއްޖެ އައުމަށް އޭނާ އުޒުރުވެރިވެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަން ފާހަގަކޮށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގުގައި، ފުލުހުން ވަނީ އިލްމީ ދިރާސާއެއް ކުރުމަށްފަހު، އެ ރިޕޯޓްގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔައި، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާކަމަށް ފެންނަ ކަން ހާމަކޮށް، އެ ކަން ޔޫތް މިނިސްޓްރީ އަށް ހިއްސާ ކޮށްފައެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަހެއް ވެގެން ދާއިރު ރިޕޯޓު ނެރުނު ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި އެ ރިޕޯޓު ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ.