އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް ހާޒިރުވާން އެ ރިޕޯޓު ލިޔުމުގައި ބައިވެރިވި ދެ މީހުން ކަމަށްވާ ޝަހިންދާ އިސްމާއިލް އަށާއި ޑރ. އަޒުރާ ނަސީމް ތަހުގީގަށް ހާޒިރުވެވެން ނެތްކަން ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ، ޝަހިންދާ އަދި އަޒްރާއަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓު ކިޔުމުން، ސަލާމަތީ ސަބަބުތަކަށްޓަކައި ރައްކާތެރި މާހައުލެއް ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަން ފާހަގަކޮށް، ރާއްޖެ އައުމަށް އުޒުރުވެރިވެފައިވާ ކަމަށް ފުލުހުންނަށް އަންގައިފައިވާ ކަމަށެވެ.

އަޒުރާއާއި ޝަހިންދާ ފުލުހަށް ހާޒިރުވާން ދީފައި އޮތް 14 ދުވަސް ހަމަ ވާނީ 6 ނޮވެމްބަރަށެވެ.

އަޒުރާ އަދި ޝަހިންދާއަށް ޗިޓު ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނިއިރު އަޒުރާއަށް ޗިޓު ހަވާލު ނުކުރެވި އޭނާ ދިރިއުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ ކަމަށް ބުނެ ފުލުހުން އަޒުރާ ހޯދަން އިއުލާނުވެސް ކުރިއެވެ. ނަމަވެސް ފަހުން އެ އިއުލާން ފުލުހުން ނެގިއެވެ. ފުލުހުން ބުނީ އަޒުރާ ހޯދަން ކުރި އިއުލާނު ނެގީ އޭނާއާ ގުޅުމުން ކަމަށާ އެއީ މީހުން ހޯދަން އިއުލާނު ކުރުމުގައި ފުލުހުން އަމަލުކުރާ އާންމު އުސޫލު ކަމަށެވެ.

ފުލުހުން ވަނީ، އެމްޑީއެންގެ ރިޕޯޓް ތަހުގީގު ކޮށް، އިލްމީ ދިރާސާއެއް ކުރުމަށްފަހު، އެ ރިޕޯޓްގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔައި، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާކަމަށް ފެންނަ ކަން ހާމަކޮށް، އެ ކަން ޔޫތް މިނިސްޓްރީ އަށް ހިއްސާ ކޮށްފައެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަހެއް ވެގެން ދާއިރު ރިޕޯޓު ނެރުނު ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި އެ ރިޕޯޓު ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.