ކ.ގުރައިދޫއިން މަހަށް ނުކުމެ އުޅުނު 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

ފުހުލުހުން ބުނީ ގުރައިދޫއިން މަހަށް ދިޔަ ދޯންޏެއްގައި ހުރި 23 އަހަރުގެ ދިވެހި ފިރިހެނަކު ދޯނީގެ ވަތުތެރެއަށް ވެއްޓި ހަތަކާތް ހުސްވެފައި ވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރޭ ފަތިލު 3:58 ހާއިރު ލިބިފައި ވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އެ މީހާ މިއަދު ހެނދުނު 6:55 ހާއިރު ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށް ގުރައިދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައި ވާ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބެލި ބެލުމުން އެ ޒުވާނާގެ ގައިގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި މި މައްސަލަ އިތުރަށް ބަލަމުން ދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެއިން ޔާމީން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވި މީހާއަކީ ކަންނެލި ދޯންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާ، އޭނާއާއެކު އެދޯނީގައި 16 ވަރަކަށް މީހުން މަސައްކަތް ކުރާ ކަމަށެވެ.