މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަހައްދުގައި "ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި ބޭއްވި ދަރުސްއެއްގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ ރާއްޖޭގެ ރައީސާއި ނައިބު ރައީސާއި މަޖިލީހުގެ މެންބަރުން ކުރައްވައިގެން ތިއްބެވި ހުވާގެ މަތިން ހަނދާން ނައްތާލައްވައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިފައިންނާއި ފުލުހުންނަކީ އިސްލާމްދީނުގެ ވަހުދަތު ހިމާޔަތް ކުރަން މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

އަދި ހައްގުތައް ހޯދުމަށްޓަކައި ރައީސަށް ދެންނެވުމުން ވާޖިބު އަދާވީ ކަމަށާއި އެ ކަމަށް އަމަލު ކުރެއްވުމާއި ނުކުރެއްވުން އޮތީ ރައީސްގެ އަތްޕުޅުމަތީގައި ކަމަށާއި އުންމީދު ކުރައްވަނީ ހައްގު މަގުގައި މަސައްކަތް ކުރައްވާނޭ ކަމަށް، އިލްޔާސް ވަނީ ވިދާޅުވެފައެވެ.

އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގެ ދިފާއުގައި އަބަދުވެސް ތިބެން ޖެހޭ ކަމަށާއި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރާނަމަ ދިފާއުގައި ތެދުވަން ޖެހޭ ކަމަށެވެ. އަދި މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވަންވެގެން އުޅޭ މީހުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށާއި އެފަދަ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް އިލްޔާސް ގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.

އިސްލާމް ދީނުން ނުލިބޭ އެއްވެސް ހައްގެއް އެއްވެސް އިންސާނަކަށް ނުލިބޭނެ ކަމަށާއި އިސްލާމް ދީނަކީ ހަރުކަށި ދީނެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

"އިސްލާމްދީން ސަޒާ ދެއްވުމަށް ނޫން ބާރު އެޅުއްވީ. ސަޒާއިން މީހުން ސަލާމަތް ކުރަން ބާރު އެޅުއްވީ،"
އިލްޔާސް

އިސްލާމްދީނުގައި އޮތްގޮތް ވިދާޅުވެ ދެއްވައިގެން ޓެރަރިސްޓަކަށް އޭނާ ހަދައި، އޭނާ އަވަހާރަކޮށްލިޔަސް މައްސަލައެއްނެތް ކަމަށް ވިދާޅުވެ އެ ދަރުސްގައި ވާހަކަ ދައްކަވައިފައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވެ އެ މައްސަލައިގައި އަޑު އުފުލާ މީހުން ހައްޔަރު ކުރަމުންދާ ދުވަސްކޮޅެއްގައެވެ.

އެމްޑީއެންގެ މައްސަލަ ފުލުހުން ބަލަން ފަށައި، ސަރުކާރުން އެ ޖަމްއިއްޔާ ސަސްޕެންޑްކޮށްފައި ވާއިރު އިއްޔެގެ ހުކުރު ނަމާދަށްފަހު އާންމުންގެ ބަޔަކު ވަނީ އެ ޖަމިއްޔާ އާ ދެކޮޅަށް ދުއާއެއް ކޮށްފައެވެ.