ރޭލު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ޕާކިސްތާނުގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމުގެ ޝަކުވާއަކީ އެގައުމުގެ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މި ޝަކުވާތަކުގެ އަޑު ގަދަވެ، އިންތިހާ ރުޅިވެރިކަމަކަށް ބަދަލުވެފައި ވަނީ ކަރާޗީއިން ފުރައިގެން ރާވަލްޕިންޑީއަށް ދަތުރުކުރަމުންދިޔަ ރޭލެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާ، 70 އަށްވުރެ ގިނަ ފަސެންޖަރުންގެ ފުރާނަ ގެއްލުނު ހިތާމަވެރި ހާދިސާއަށް ފަހުގައެވެ.
ޕާކިސްތާނުގެ އިދިކޮޅު ސިޔާސީ ޝަހްސު ބިލަވާލް ބުއްޓޯ ޒަރުދާރީ ބުނާ ގޮތުގައި ރޭލު ދަތުރުފަތުރާ ބެހޭ ވަޒީރު ޝައިހު ރާޝިދު އަހުމަދުގެ ދައުރަކީ އެންމެ ގިނަ އަދަދެއްގެ ރޭލު އެކްސިޑެންޓް ހިނގި ދުވަސްވަރެވެ.
މިއީ ތެދު ވާހަކައެއް ތޯ ބެލުމަށްޓަކައި، ތަފާސް ހިސާބުތަކަށް ބަލަންޖެހެއެވެ.
ޝައިހު އަހުމަދު މަގާމާ ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެހާ ތަނުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 74 ރޭލު އެކްސިޑެންޓެއް ހިނގާފައިވާކަމަށް ޕާކިސްތާނުގެ ރޭލު ދަތުރުފަތުރާ ބެހޭ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ.
ނިމިދިޔަ ހަފުތާގައި ހިނގާ ދިޔަ ރޭލު އެކްސިޑެންޓަކީ ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނަށް ކުރިމަތިވި މިފަދަ އެންމެ ހިތާމަވެރި އަދި އެންމެ ނުރައްކާތެރި ހާދިސާއެވެ. ޖުލައި މަހުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ އެކްސިޑެންޓްގައި 20 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ޝައިހު އަހުމަދުގެ ވަޒީރު ކަމުގައި ހޭދަވި ދުވަސްތަކުގައި ހިނގި ހާދިސާތަކާ އޭގެ ކުރީ ދުވަސްތަކުގައި ހިނގި ހާދިސާތަކާ މުޅުން އަޅަކިއޭކަށް ނެތެވެ. އެހެނީ ކުރީގެ ރެކޯޑްތަކުގައި ފުރިހަމަ ނުވާ ހިސާބުތަކެއް ހުރުމުންނެވެ. ނަމަވެސް 12 ވަރަކަށް މަސްދުވަހުގެ ތެރޭގައި 74 އެކްސިޑެންޓް ހިނގުމަކީ އާދައިގެ ކަމެއް ނޫނެވެ. އަހަރީ ހިސާބުތަކަށް ބަލާއިރު 2012 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ޕާކިސްތާނުގައި 757 ރޭލު އެކްސިޑެންޓެއް ހިނގާފައިވާކަމަށް ވަނީ ރެކޯޑްކޮށްފައެވެ. އެއީ އަހަރަކަށް ބަލާއިރު އެވަރޭޖުކޮށް 125 އެކްސިޑެންޓްއެވެ.
މި އެކްސިޑެންޓްތަކުގެ ތެރޭގައި ގިނައީ ރޭލު ދަގަނޑު މަތިން ކައްސާލައިގެން ހިނގި އެކްސިޑެންޓްތަކާ، ރޭލު ދަނޑުތައް ހުރަސްވާ ހިސާބުން އެއް ރޭލު އަނެއް ރޭލާ ޖެހިގެން ހިނގި އެކްސިޑެންޓްތަކެވެ.
އެންމެ ނުރައްކާތެރި އަހަރަކީ ކޮބާ؟
ރެކޯޑްތަކަށް ބަލާއިރު ޕާކިސްތާނުގެ ރޭލު ދަތުރުފަތުރުގެ ނިޒާމު ދުށް އެންމެ ހިތި އަހަރަކީ 2015 ވަނަ އަހަރެއެވެ. އެ އަހަރުގެ ތެރޭގައި 175 އެކްސިޑެންޓެއް ހިނގާފައިވާ ރޭލު ދަގަނޑު މަތިން ކައްސާލައިގެން 75 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފާއިތުވީ 6 އަހަރު ދުވަހުގެ ތެރޭގައި ހިނގި ރޭލު އެކްސިޑެންޓްތަކުގައި 150 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކަންމިހެން އޮތްއިރު ޕާކިސްތާނުގެ ރޭލު ދަތުރުފަތުރާ ބެހޭ ވުޒާރާއިން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ތަފާސް ހިސާބުތަކެއް ދައްކާ ގޮތުގައި 2013 ވަނަ އަހަރާ 2016 ވަނަ އަހަރާ ދެމެދު އެގައުމުގައި ހިނގި ރޭލު އެކްސިޑެންޓްތަކުގައި 338 މީހެއްގެ ފުރާނަ ގެއްލުނު ކަމަށް ވަނީ ރެކޯޑްކޮށްފައެވެ.
އެންމެ ފަހުގެ ހާދިސާ ހިނގީ ކީއްވެ؟
ޕާކިސްތާނުގެ ސަރުކާރުން ބުނާ ގޮތުގައި އެންމެ ފަހުގެ ހާދިސާ ހިނގާފައިވަނީ ދުއްވަމުން ދިޔަ ރޭލުގައި ފަސެންޖަރުން ތިބި ކެބިންއެއްގައި ކައްކަން ބޭނުން ކުރި ގޭސް ސިލިންޑަރަކާ އުނދުނެއް ގޮވައިގެންނެވެ. ރޭލުގެ ކެބިންތަކަށް ހުޅުގަނޑު ފެތުރެމުންދިޔައިރު އަލިފާންގަނޑުން ސަލާމަތްވުމަށް މީހުން ރޭލުން ފުންމަމުން ދިޔައިރުވެސް ރޭލު ދުއްވަމުން ދިއުމަކީ މި ހާދިސާގައި ގިނަ ބަޔަކު މަރުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބެވެ.
ފަހުގެ ހާދިސާގެ އިލްޒާމް ޕާކިސްތާނުގެ ސަރުކާރުން އަމާޒުކުރީ ފަސެންޖަރުންނަށެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިކަން ހިނގާފައިވަނީ ކަރަންޓް މައްސަލައެއްގެ ސަބަބުންނެވެ. ރޭލުން ދަތުރުކުރި ބައެއް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަސެންޖަރުން ތިބި ކެބިންއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ކަރަންޓް ޝޯޓުވެގެންނެވެ.
ރޭލު ދަތުރަކީ ޕާކިސްތާނުގައި މަގުބޫލު ދަތުރެކެވެ. މީގެ އިތުރުން މެދު ފަންތިއާއި ދަށް ފަންތީގެ އާމްދަނީ ލިބޭ މީހުން ދަތުރު ފަތުރުކޮށް އުޅުމަށް އާންމުކޮށް ބޭނުންކުރަނީވެސް ރޭލު ދަތުރުފަތުރުގެ ހިދުމަތެވެ.
ކަންމިހެން އޮތް ނަމަވެސް ޕާކިސްތާނުގައި ދޭ ރޭލު ދަތުރުގެ ހިދުމަތަކީ ފެންވަރު ދަށް ކަމުގެ ލޭބަލް ޖެހިފައިވާ ހިދުމަތެކެވެ. ރޭލު ތަކުގެ ފެންވަރުވެސް އެހާމެ ދަށެވެ. އެއާޕޯޓްތަކުގައި ނޫން ގޮތަކަށް ރަނގަޅަކަށް ރޭލުތައް އިންސްޕެކްޓް ކުރާ ކަމަކަށްވެސް ނުވެއެވެ. ނަތީޖާއަކަށްވަނީ ކައްކާ އުނދުނާ ތެޔޮ ހަން ފަދަ ނުރައްކާތެރި ސާމާނު ރޭލަށް ބަރުކުރާ ގޮތްވުމެވެ.
ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެންމެ އާންމުކޮށް ރޭލު އެކްސިޑެންޓް ހިނގާފައިވަނީ ރޭލު ދަގަނޑުތައް ރަނގަޅަށް ނުބެލެހެއްޓުމުގެ އިތުރުން ރޭލުތަކުގެ ސިގްނަލް ސިސްޓަމްގައި މައްސަލަޖެހިގެންނެވެ. މީގެ އިތުރުން ރޭލުގެ އިންޖީންތަކަށް ގިނަ ދުވަސްވެގެންވެސް އެކްސިޑެންޓް ހިނގާ ކަމަށްވެއެވެ.