ބެލްޖިއަމުން ފުރައިގެން އިނގިރޭސިވިލާތަށް ދަތުރުކުރި ފިނިކުރި ލޮރީ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު 39 މީހުންނަކީ ހުސް ވިއެޓްނާމް ރައްޔިތުން ކަމަށް އިނގިރޭސި ފުލުހުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި ސިނާއީ މަސައްކަތްތަކެއް ހިންގަމުންދާ އެސެކްސް ސަރަހައްދުން މިދިޔަ ހަފުތަގައި ފެނުނު މި ލޮރީގެ ކޮންޓޭނަރު ތެރޭގައި ތިބި ކަމަށް ކުރިން ބެލެވުނީ ޗައިނާ މީހުންނެވެ. ނަމަވެސް އެސެކްސްގެ ފުލުހުން ބުނީ މަރުވެފައިވާ ބައެއް މީހުންގެ އާއިލާތަކާ ވިއެޓްނާމް ސަރުކާރާވެސް ގުޅިފައިވާކަމަށެވެ.

މޯ ރޮބިންސަން (ވ) އަދި އިނގިރޭސި ފުލަހަކު، މޯ ރޮބިންސަން ދުއްވި ލޮރީ ބަލާ ފާސްކުރަނީ/ފޮޓޯ: 7ނިއުސް

ވިއެޓްނާމްގެ ބައެއް އާއިލާތަކުން ވަނީ އެ ލޮރީގައި އެމީހުންގެ އާއިލާގެ މެމްބަރުން ތިބެދާނެ ކަމަށް ބުނެ އަމިއްލައަށްވެސް އެކަން ހާމަކޮށްފައެވެ.

މި ލޮރީގައި ހިމެނުނު އެކަކީ އުމުރުން ސައްބީސް އަހަރުގެ ފާމް ތީ ޓްރާ މައިއެވެ. އޭނާވަނީ، ބޭރު ގައުމަކަށް ދިއުމަށް ކުރި ދަތުރު ފެއިލްވެއްޖެ ކަމަށް ބުނެ، އަންގާރަ ދުވަހުގެ ރޭ، އޭނާގެ އާއިލާއަށް މެސެޖެއް ކޮށްފައެވެ. މަރުވެފައިވާ 39 މީހެއްގެ ހަށިގަނޑާއެކު މި ލޮރީ ފެނުނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

ލޮރީގެ ކޮންޓޭނަރަކީ ފިނިކުރެވޭ ގޮތަށް ހުރި ކޮންޓޭނަރެއް ނަމަވެސް، އޭގެ ތެރޭގައި ތިބި ގިނަ މީހުން މަރުވެފައި އޮތްއިރު ގައިގައި އަންނައުނެއް ނެތް މީހުންވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ. މަރުވެފައި ތިބި މީހުންގެ އަނގައިން ހުދު ފޮނު ޒާތުގެ އެއްޗެއް ނިކުމެފައިވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ އެސެކްސް ސަރަހައްދުން ގިނަ އަދަދެއްގެ ގަބުރުތަކަކާއެކު ހިފެހެއްޓި ފިނިކުރާ ލޮރީ/ފޮޓޯ: ޕީއޭމީޑިއާ

އަމިއްލަ ވަޒަން ދޫކޮށް، ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ މެދުގައި ބެލްޖިއަމްއަކީ މަގުބޫލު މަންޒިލެކެވެ. އެގޮތުން މި ހާދިސާއަށް ފަހު ފާއިތުވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ގިނަ އަދަދަކަށް މީހުން އަރުވައިގެން ގަވައިދާ ހިލާފަށް އިނގިރޭސިވިލާތަށް އެތެރެކުރަން އުޅުނު 2 ލޮރީއެއް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް އެ ލޮރީތަކުގައި ތިބި މީހުންގެ ފުރާނަ ވަނީ ސަލާމަތް ކުރެވިފައެވެ.

ވިއެޓްނާމުން ބުނީ ގަވައިދާ ހިލާފަށް ބަޔަކު ގައުމުން ބޭރުކޮށް އެހެން ގައުމަކަށް އެތެރެކުރަން އުޅުނު ކަމުގެ ކުށުގައި 2 މީހެއްގެ މައްޗަށް ދައުވާ ކުރަމުންދާ ކަމަށެވެ. ލޮރީ ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކުރަމުންދަނީ އިނގިރޭސިވިލާތުންނެވެ. އޭނާ ވަނީ ނިމިދިޔަ ހަފުތާގެ ހޯމަ ދުވަހު ކޯޓަށް ހާޒިރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރަމުންދަނީ ގަސްތުގައި 39 މީހަކު މަރާލި ކަމުގެ ދައުވާތަކެވެ.