ޕާކިސްތާނުގެ ރޭލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަރުވި މީހުންގެ ޖަނާޒާ މިއަދު ބޭއްވި އިރު މިރްޕުކާސް އަވަށުގެ ހުރިހާ އެންމެން ވަނީ ފުން ހިތާމައެއްގެ ތެރޭގައެވެ.
މިއަދު ކުރިއަށް ދިޔަ ޖަނާޒާގެ ވާހަކަތައް ހިއްސާކުރަމުން އުމުރުން 40ގެ އަހަރުތައް ގުނަމުންދާ، ކާރު މެކޭނިކެއްގެ ވަޒީފާ އަދާކުރާ މުހައްމަދު ސަލީމް ބުނީ، ޕާކިސްތާން ރޭލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ފުރަތަމަ މީހާގެ ޖަނާޒާ، މިއަދު ހެނދުނު ފަތިސް ނަމާދަށް ފަހު ކުރިއަށް ދިޔައިރު، ގެތަކުގެ ކުޑަދޮރުތަކުން ބޭރު ބަލަން އަންހެންވެރިން ތިބީ ފެންކަޅިވެފައި ކަމަށެވެ. އަދި އެ ޖަނާޒާގައި 100 އަށް ވުރެ ގިނަ ފިރިހެނުން ބައިވެރިވެފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ކަރާޗީން ފުރައިގެން ރާވަލްޕިންޑީއަށް ދަތުރު ކުރަމުން ދިޔަ ރޭލެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ އިއްޔެއެވެ. މި ހާދިސާގައި 73 މީހުން މަރުވެފައިވާ އިިރު 48 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
ހެނދުނުގެ ނާސްތާއް ތައްޔާރު ކުރުމަށް އެ ރޭލުގައި ތިބި ފަސެންޖަރުންތަކެއް ބޭނުން ކުރަމުން ދިޔަ ގޭސް އުނދުންތަކެއް ގޮވުމުގެ ސަބަބުން ހިނގި މި އަލިފާނުގެ ހާދިސާގައި އެ ރޭލުގެ ތިން ގެގަނޑަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އެ ވަގުތު ރޭލުގައި އަލިފާނުގެ ހުޅުގަނޑު ބޮޑުވަމުން ދިއުމުން ބައެއް މީހުން ވަނީ ރޭލުގެ ކުޑަދޮރުން ބޭރަށް ސަލާމަތްވުމަށް ފުންމާލާފައެވެ.
އަލްޖަޒީރާ ނޫހަށް މައުލޫމާތުދެމުން އެ ހާދިސާގައި އަނިޔާވި މީހަކަށް ވީގޮތް އާރިފް ވަނީ ފޯނުގެ ޒަރީއާއިން ހިއްސާކޮށްފައެވެ. އެ ރޭލުގައި އަލިފާން ރޯވި އިރު އެ ރޭލުން ދަތުރުކުރި މިރްޕުކާސް އަވަށުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އިމްރާންގެ ދެފަޔާއި އެއް އަަތް ވަނީ ރޭލުން ފުންމާލުމުގެ ސަބަބުން ޒަހަމްވެ ފްރެކްޗާވެފައި ކަމަށް އޭނާގެ ބޭބެ މުހައްމަދު އާރިފް ބުނެއެވެ. އަދި އޭނާ ފުންމާލާފައި ވަނީ އެ ރޭލު ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް ކަމަށާއި އެ ވަގުތު އޭނާގެ ކޮއްކޮ ގުޅާފައި ބުނީ އޭނާ ސަލާމަތް ކުރަން އަންނާށޭ ކަމަށް އާރިފް އަލްޖަޒީރާ ނޫހަށް ކިޔައިދީފައި ވެއެވެ.
މި ހާދިސާގައި ސަލާމަތްވި ފަރާތްތަކާއި އެ ފަރާތްކުގެ އާއިލައިން ބުނީ، އަލިފާން ރޯވެ މާގިނަ އިރެއް ނުވަނީސް، ރޭލު ދުއްވަން އިން ޑްރައިވަރު ރޭލުގެ ދުވެލި ހުއްޓުވާފައި ވާ ކަމަށެވެ. ނަމަވެސް ކަމާގުޅުން ހުރި ފަރާތްތަކުން އެހީދިނުމަށް އައުމުގައި ލަސްވެފައި ވާކަމަށް އެފަރާތުން ބުނެއެވެ.
އުމުރުން ސާޅީސް އަހަރުގެ ރުސްތަމް އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، އަލިފާން ރޯވެގެން އައި އިރު ރޭލު ތެރޭގައި ނޭވާލަން އުނދަގޫވެ ދުން ބޯވަމުން ދިޔަކަމަށެވެ. އަދި ރެއިލް ހުއްޓުނު ވަގުތު އޭނާގެ ކޮއްކޮ ކުޑަދޮރު ތަޅާލައި ފުންމާލި ކަމަށެވެ. އަދި މިހާރު ރުސްތަމް ދަނީ ދުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުންތަކަށާއި ރޭލުން ފުންމާލުމުގެ ސަބަބުން އޭނާގެ ފަޔަށް ލިބުނު ގެއްލުމަށް ފަރުވާ ކުރަމުން ކަމަށް ބުނެއެވެ.
މިހާދިސާއިން އޭނާއަށް ވުރެ ބޮޑެެތި ގެއްލުންވި އިތުރު މީހުން ތިބި ކަމަށް ބުނަމުން ރުސްތަމް ބުނީ އުމުރުން 35 އަހަރުގެ ރަނާ ތާހިރު ވަނީ އެ ހާދިސާގެ ސަބަބުން ލިބުނު ޒަހަމްތަކާ ހެދި އޮޕަރޭޝަނެއް ކޮށްފައި ކަމަށެވެ. އަދި ރުސްތަމްގެ ބައްޕަގެހާލުވެސް ވަރަށް ސީރިއަސް ކަމަށް ވެސް އޭނާ ބުނެއެވެ. އޭނާގެ ބައްޕައަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި 65 އަހަރުގެ ބައްޕައަށް ނިދާފައި އޮވެ ހޭލެވުނީ ދުން ބޯވެ ނޭވާލާން އުނދަގޫވެގެން ކަމަށް ރުސްތަމް ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ފާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ، މި ހަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެން ކަމަށާއި، މި ހާދިސާގައި މަރުވި އާއިލާތަކަށާއި ގެއްލުން ވީ މީހުންނަށް ޕާކިސްތާން ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަަމަށެވެ. އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގެވުމަށް އިމްރާންހާން އަމުރުކުރައްވާފައި ވެއެވެ.
މިއީ ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.