މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓު ދިރާސާ ކުރި އިލްމުވެރިން ހާމަކޮށްދިނުމަށް މަންދު ކޮލެޖްގެ ޗެއާމަން އަދި ރިޕޯޓު ލިޔުނު ޝަހިންދާ އިސްމާއިލްގެ ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) އެދިވަޑައިގެންފިއެވެ.

އިބްރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެމްޑީއެންގެ ރިޕޯޓް ދިރާސާ ކުރި އިލްމުވެރިންނާއި އެ އިލްމުވެރިން ހޮވީ ކިހިނެތް ތޯއާއި އެ އިލްމުވެރިންގެ އިނގިރޭސި ބަހުގެ ފެންވަރާއި، ތަޖުރިބާ ހާމަކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އިބްރާގެ ޓްވީޓްގައި އޭނާ ވަނީ މިނިސްޓާ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވާމަންޓް އަހްމަދު މަހްލޫފް އަދި ފުލުހުން ޓެގް ކުރައްވާފައެވެ.

އިބްރާ މިހެން ވިދާޅުވެފައިވަނީ، އެމްޑީއެންގެ ރިޕޯޓް ތަހުގީގު ކޮށް ފުލުހުން އިލްމީ ދިރާސާއެއް ކުރުމަށްފަހު، އެ ރިޕޯޓްގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔައި، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާކަމަށް ފެންނަ ކަން ހާމަކޮށް، އެ ކަން ޔޫތް މިނިސްޓްރީ އަށް ހިއްސާ ކޮށްފައި ވަނިކޮށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، ރާއްޖޭގެ 127 ކައުސިލަކުން އެޖަމްއިއްޔާގެ ބަޔާން ކުށްވެރި ކޮށްފައިވެއެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާ އުވާލައި، ރިޕޯޓު ނެރުނު މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަހެއް ވެގެން ދާއިރު ރިޕޯޓު ނެރުނު ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި އެ ރިޕޯޓު ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.