އިންޑިއާގެ ރައްޔިތުންނަކީ ސައުދީ އަރަބިއްޔާގެ އިގުތިސޯދު ނަގަހައްޓައިދޭ "ފޯކްލިފްޓް"އެއް ކަމަށް، ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަޒީރު މާޖިދު ބިން ޢަބްދުﷲ އަލް ޤަސާބީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް އިންޑިއާގެ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސައުދީގެ ވިޔަފާރި ވަޒީރު ވިދާޅުވީ، ވިޔަފާރީގެ މައިދާނުގައި އިންޑިއާއަކީ ސައުދީއަށް މުހިންމު ބައިވެރިއެއް ކަމަށާ، އިންޑިއާގެ ތެލުގެ ވިޔަފާރިއަށް ސައުދީގެ އެއްބާރުލުން އެބަ އޮތް ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ވަޒީފާގެ ބާޒާރަށް ބަލާއިރު އެންމެ ބޮޑު ބައި ހިއްސާ ކުރަނީ އިންޑިއާ ރައްޔިތުންނެވެ. ވިޔަފާރި ވަޒީރު ވިދާޅުވި ގޮތުގައި ސައުދީގެ އެކި ވަޒީފާތައް އަދާކުރަމުންދާ އިންސާނީ ވަސީލަތުގެ 22 ޕަސެންޓް ހިއްސާކުރަނީ އިންޑިއާގެ ރައްޔިތުންނެވެ.
ސައުދީއާއި އިންޑިއާގެ ގުޅުމަށް އިޝާރާތް ކުރައްވާ މާޖިދު އިތުރަށް ވިދާޅުވީ، މި ގުޅުމުގައި ދެ ގައުމަށްވެސް ފައިދާތަކެއް އެބަހުރި ކަމަށެވެ.
އިންޑިއާއިން ފުޅާ ކުރަމުންދާ ތެލުގެ ވިޔަފާރިއާއި ބެހޭ ގޮތުން ސައުދީގެ ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވީ، ތެޔޮ ސާފުކުރާ ކާރުހާނާއެއް ގާއިމު ކުރުމަށް އިންޑިއާއިން ނިންމާފައިވާ ކަމަށާ، އެއީ ވަރުގަދަ އިންވެސްޓްމަންޓަކަށް ވެގެންދާނެ ކަމަށެވެ. ސައުދީއިން މިވަގުތު މަޑުކޮށްގެން އޮތީ، ކާރުހާނާ އަޅާނެ ބިމެއް އިންޑިއާއިން ހިޔާރު ކުރަންދެކަށް ކަން ފާހަގަކުރައްވާ މާޖިދު ވިދާޅުވީ، މިމަޝްރޫއު ފެށުމުގެ އިންވެސްޓްމަންޓް އަގަކީވެސް 35 ބިލިއަން ޑޮލަރު ކަމަށެވެ.
ބޯޅަ މިހާރު އޮތީ އިންޑިއާއާއި ވީ ފަޅީގައި ކަމަށް ސިފަކުރައްވާ ސައުދީގެ ވިޔަފާރި ވަޒީރު ވިދާޅުވީ، ދެގައުމުގެ އެންމެ އިސް ލީޑަރުންގެ ލަފަޔާއިއެކު އިންޑިއާއާއި ސައުދީއާއި ދެމެދު ކައުންސިލެއްވެސް އެކުލަވާލާފައިވާކަމަށެވެ. އަދި މިއީ ކާމިޔާބީ އިތުރު ކޮށްދޭނެ ކައުންސިލެއްކަމަށްވެސް މާޖިދު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނާ އިންޑިއާއަށް ބަލާއިރު އިންވެސްޓް މަންޓަށް ރަނގަޅީ ކޮން ގައުމެއްތޯ އިންޑިއާގެ މީޑިއާއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައުދީގެ ވަޒީރު ވަނީ، އިންޑިއާއާއި ޕާކިސްތާނު އަޅާ ކިޔަންވާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.