މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓުގައި އިސްލާމްދީނަށް ތައުހީން ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން ދާދި ދެންމެ ބުނީ އެ ރިޕޯޓުގައި އިސްލާމް ދީނަށް ތައުހީން ކުރުމުގެ ގޮތުން ފާޑުކިޔައި، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާކަމަށް ފެންނަ ކަމަށެވެ.

ފުލުހުން ބުނީ، އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންތް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓް އަށް ފުލުހުން ހެދި އިނީޝިއަލް އެސެސްމަންޓުން އެކަން ފާހަގަ ވުމުން ޔޫތް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީ އަކީ ޖަމްއިއްޔާތަކާ ބެހޭ ވުޒާރާއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން، ރާއްޖޭގެ 127 ކައުސިލަކުން އެޖަމްއިއްޔާގެ ބަޔާން ކުށްވެރި ކޮށްފައިވެއެވެ. އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާ އުވާލައި، ރިޕޯޓު ނެރުނު މީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަހެއް ވެގެން ދާއިރު ރިޕޯޓު ނެރުނު ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިފައެއް ނުވެއެވެ. އަދި އެ ރިޕޯޓު ކުށްވެރިކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ބަޔާނެއްވެސް ނެރެފައެއް ނުވެއެވެ. ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން، ރިޕޯޓު ލިޔުމުގައި އެންމެ އިސްކޮށް އުޅުނު ޝަހިންދާ އިސްމާއިލް އާއި ޑރ. އަޒުރާ ނަސީމު ފުލުހަށް ހާޒިރު ވުމަށް ވަނީ ޗިޓް ފޮނުވާފައެވެ. އެ ދެމީހުން ފުލުުސް އޮފީހަށް ހާޒިރުވާން ދިން މުއްދަތު ހަމަވާނީ ނޮވެމްބަރު 6 ވާ ބުދަދުވަހަށެވެ.