ޕާކިސްތާނުގެ ކަރާޗީއިން ފުރައިގެން ރާވަލްޕިންޑީއަށް ދަތުރު ކުރަމުންދިޔަ ރޭލެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގާ، މަރުވި މީހުންގެ އަދަދު 60 އަށްވުރެ މައްޗަށް އަރައިފިއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ އަދަދު އަދިވެސް މައްޗަށް ދިއުން އެކަށީގެންވެއެވެ.

ޕާކިސްތާނުގެ ރޭލު ދަތުރުފަތުރާ ބެހޭ ވަޒީރު ޝައިހު ރާޝިދު އަހުމަދު ވިދާޅުވީ، މި އަލިފާނުގެ ހާދިސާ ހިނގަފައިވަނީ ހެނދުނުގެ ނާސްތާއް ތައްޔާރު ކުރުމަށް ފަސެންޖަރުންތަކެއް ބޭނުންކުރަމުންދިޔަ ގޭސް އުނދުންތަކެއް ގޮވުމުގެ ސަބަބުން ކަމަށެވެ. އުނދުން މަތީގައި އެވަގުތު ހުރީ ކުކިންގް އޮއިލް އަޅާފައި ހުރި އެއްޗެއް ކަމުން، އަލިފާންގަނޑު ހައްތަހާ ގަދަވީ ކަމަށް ރާޝިދު ވިދާޅުވިއެވެ.

ރޭލުގެ 3 ގެގަނޑަކަށް މި އަލިފާނުގެ ހާދިސާގެ އަސަރު ކުރި ކަމަށް މައުލޫމާތު ލިބެއެވެ.

އޮފިޝަލުންނާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ދުއްވަމުން ދިޔަ ރޭލުގައި ރޯވި އަލިފާނގަނޑުގެ ތެރެއިން ބޭރަށް ފުންމާލަން އުޅުމުގެ ތެރޭގައެވެ.

ޑިސްޓްރިކްޓް ޑެޕިއުޓީ ކޮމިޝަނަރު ޖަމީލް އަހުމަދު ވިދާޅުވީ ބައެއް މީހުން ފިހި، އަނދާފައި އޮތުމުގެ ސަބަބުން އެއީ ކޮން ބައެއްކަންވެސް ވަކިކުރަން ނޭނގޭކަމަށާ، ކޮން ބައެއްކަން ކަށަވަރު ކުރުމަށްޓަކައި ޑީއެންއޭ ޓެސްޓްތަކެއް ހަދަންޖެހޭ ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ޑެޕިއުޓީ ކޮމިޝަނަރު ވިދާޅުވީ މިހާދިސާގައި 39 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ.

ބޮޑު ވަޒީރު އިމްރާން ހާން ވަނީ މި ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންފި ކަމަށް ވިދާޅުވެ، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގެވުމަށް އުމުރުކުރައްވާފައެވެ.

މިއީ ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ.