ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ. ވިލިނގިއްޔަށް އެމަނިކުފާނު ވަޑައިގަތުމުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓާއި ދެކޮޅަށް އަޑުއުފުލައިގެން ހައްޔަރުކުރި މީހުން ފުލުހުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައި ވަނީ އެމީހުން ހައްޔަރު ނުކުރާ ކަމަށެވެ. އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ނަޝީދު ވިލިނގިއްޔަށް ވަޑައިގެންނެވި ނަމަވެސް މާގިނައިރުތަކެއް ނުވަނީސް އެރަށުން އެމަނިކުފާނު ވަނީ ފުރާވަޑައިގެންފައެވެ.

ރައީސް ނަޝީދު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ކޮން ކަމަކާއި ގުޅުވައިގެން ކުރިއަށް ގެންދާ ދަތުރުފުޅެއް ކަމެއް ނޭނގެއެވެ. ނަމަވެސް އެމަނިކުފާނާއި އެކު މި ދަތުރުފުޅުގައި ހުވަދު އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންނާއި އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދު ގއ. ވިލިނގިއްޔަަށް ވަޑައިގަތުމުން އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް ބަޔަކު މީހުން އަޑު އުފުލިއިރު މީގެކުރިން އެމްޑީއެންގެ ރިޕޯޓުގައި ދީނާއި ހިލާފު ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވި ރައީސް ނަޝީދު މިހާރަކަށް އައިސް އަންނަނީ އެ ރިޕޯޓާއި އެ ރިޕޯޓު ލިޔުނު ފަރާތްތައް ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި އާއްމު ރައްޔިތުން އަންނަނީ އެ ރިޕޯޓާއި މެދު ފިޔަވަޅު އަޅައި ދިނުމަށް ގޮވާލަމުންނެވެ. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތަކަށާއި އެ ޖަމިއްޔާއާ މެދުވެސް ފިޔަވަޅު އަޅައި ދިނުމަށް އަންނަނީ ގޮވާލަމުންނެވެ.