"ސޭޓު" ގެ ނަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ނިސްބަތްކޮށް ކިޔާ މައްސަަލަ ބޮޑުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން "ސޭޓު" ގެ ނަމުން ވިދާޅުވާތީ ނުރުހުން ފާޅުކުރައްވަމުން މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގާސިމަށް ނިސްބަތްކޮށް ސޭޓު ކިޔުމަކީ އާންމު ކަމެއް ކަމަށެވެ. އަދި ސޯޝަލް މީޑިއާގައިވެސް އެމްޑީޕީގެ އެކްޓިވިސްޓުން އެހެން ކިޔާ އުޅޭ ކަމަށެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުހަލާގައި މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާއަށް ނިސްބަތްކޮށް "ސޭޓު" ނުވަތަ "މަހުޖަނު" ކިޔުމަކީ އާންމު ކަމަކަށް ވެއްޖެ ކަމަށާއި އެހެން ކިޔާ މީހުންނަަށް "ވަނީ ކީއްތޯ" އައްސަވައި ވަނީ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުން ހުށަހެޅި ބިލާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ، ތަނެއްގައި ތަނަވަސްކަން އިތުރުވާނީ މުއްސަނދި މީހުން ވެސް ތިބެގެން ކަމަށާއި ޓެކްސް ނެގޭނީ ތަނަވަސްކަމާއި ފައިދާވާ ކުންފުނިތައް ހުރެގެން ކަމަށެވެ. ގާސިމް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާއަށް ވީ އިރު ސިޔާސީ ގޮތުންވެސް އޭނާއަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

މިއަދު މަޖިޅީހުގައި "ސޭޓޮ" ކިޔުމުން ގާސިމް ހިތްހަމަނުޖެހުން ފާޅުކުރައްވާފައި ވާއިރު މީގެ ކުރިންވެސް ގާސިމް ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، ގާސިމާ ދެމެދު މިދިޔަ ހަފްތާތެރޭގައި ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ. ގާސިމް އާ ދިމާއަށް ކެލާ ދާއިރާގެ މެންބަރު ސޭޓު ކިޔުއްވުމުން ގާސިމް އަތްދަންމަވާލެއްވީ ކަމަށް ވިދާޅުވާ އިރު ޝަރީފް ވިދާލުވަނީ އޭނާގެ ބޮލުގައި ގާސިމް ޖެއްސެވީ ކަމަށެވެ. އެދުވަހު ގާސިމް ޖެއްސެވުމުން ޝަރީފުގެ ބޮލަށް އެނބުރުން އަރާ އޭނާ ވަނީ އެމްބިއުލާންސްގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާވެސް ދީފައެވެ. ނަމަވެސް ފަހުން އެ ދެމެދުގައި ހިނގާފައިވަނީ މާރާމާރިއެއް ނޫން ކަމަށާއި ގާސިމް އޭނާގެ ގައިގާ ޖެއްސެވީ މަޖަލަކަށް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.