ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މަހާޒް، އައްޔަން ކުރުމަށް ފާސް ކުރީ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓް ލިބިގެންނެވެ.

މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުށަހެޅުއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ނަންތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ދިރާސާކޮށްފައެވެ.

މެލޭޝިޔާއިން ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ މަހާޒް ވަނީ މީގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ވަޒީފާ އަދާކުރައްވާފައެވެ. ޑްރަގް ކޯޓުގެ ގާޒީކަމަށް މަހާޒް އައްޔަނުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ސުޕްރީމް ކޯޓުގައި ކުރިން ފަސް ފަނޑިޔާރުން ހިމެނުނު ނަމަވެސް، މިހާރު އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދަކީ ހަތެކެވެ. ސުޕްރީމް ކޯޓުން އައްޔަން ކުރަން ދެ ނަމެއް ފޮނުވާފައިވީ ނަމަވެސް އެ ކޯޓުގައި ހުސްވެފައި ވަނީ އެއް ޖާގައެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރު ކަަމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމެވެ. ސުޕްރީމް ކޮޓުގެ ފަނަޑިޔާރު ކަމަށް މަހާޒް އައްޔަން ކުރުމަށް ފާސްކުރި އިރު ސްޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އައްޔަން ކުރަން އެމްޑީޕީން ތްރީލައިން ވިޕް އެއްވެސް މިއަދު ވަނީ ނެރެފައެވެ.