ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންނީ، ފަނޑިޔާރު އާދަމް މުހައްމަދާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ ޝަކުވާގެ ތަހުގީގުގައި ދިފާއީ ވަކީލަކަށް ވެވަޑައިގަންނަވަން ޖަމީލު ހުށަހަޅުއްވާފައި ވުމުން އެއީ ފުށޫ އެރުންތަކެއް ހުރި މައްސަލައެއް ކަމަށް ބުނެއެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވަކީލުގެ މަސްލަހަތާއި މުވައްކިލުގެ މަސްލަހަތަށް ފުށޫއަރާފާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނޭ ކަމަށް ގާނޫނު ނަނަބަރު 15/2019 ގެ 39 ވަނަ މާއްދާގެ ރ ގައި ބަޔާންކޮށްފައި ވާ ކަމަށާއި އަދި އެ މާއްދާގެ ބ ގައި އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ މެދު އިތުބާރު ގެއްލިދާނެ ފަދަ އެއްވެސް ކަމެއް ވެސް ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި ވަނިކޮށް ޖަމީލު އެކަމަށް އެދި ހުށަހެޅުއްވުމުން މަސްލަހަތު ފުށޫއަރާކަމަށެވެ.

އަދި ހަމަ އެ ގާނޫނުގެ 41 ވަނަ މާއދާގައި، ގާނޫނީ ވަކީލެއްގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ކަމެއް އެ ވަކީލަކު ކޮށްގެން ނުވާނޭ ކަމަށް ބަޔާންކޮށްފައި ވީ ނަމަވެސް ޑރ. ޖަމީލު ހުށަހެޅުއްވީ، ހަސްމެއްގެ ގޮތުގައި ހިމެނޭ މައްސަލައެއް ބައްލަވަމުން ގެންދަވާ ފަނޑިޔާރެއްގެ ވަކީލަކަށް ވުމަށެވެ. އެގޮތުން ފަނޑިޔާރާއި މުއާމަލާތުކޮށް ވަކީލެއްގެ ގޮތުގައި ގަބޫލު ކުރުމަކީ ގާނޫނީ ފަންނުގެ އަސާސްތަކާ ފުށުއަރާ އަދި ފަނޑިޔާރުގެ ސުލޫކާ ހިލާފު ކަމެއްގައި ބައިވެރިވުމުގެ އަމަލެއް ކަމަށެވެ.

ޖަމީލުގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމި އިރު ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރު މައްސަލައެއް ބަލަންވެސް ވަނީ ނިންމާފައެވެ. އެގޮތުން ޖޭއެސްސީން ބުނީ، މިހާރު ހިނގަމުންދާ މައްސަލައިގައި ހިމެނޭ ހަސްމަކު އޭނާ އަމިއްލަ ކަމެއްގައި ވަކީލެއްގެ ގޮތުގައި އައްޔަނު ކުރުމަށްޓަކައި އެ ހަސްމާއެކު މުއާމަލާތު ކޮށް، ފަނޑިޔާރުގެ އަމިއްލަ މަސްލަހަތެއް އިސްކޮށްފި ކަމަށެވެ. އަދި ފަނޑިޔާރުގެ ރަސްމީ ޒިންމާ އަދާ ނުކުރެވޭ ފަދަ ކަމެއްގެ ތެރެއަށް ގަސްތުގައި ވަދެގަނެ މަސްލަހަތު ފުށޫއަރާގޮތަށް އަމަލުކޮށްފި ކަމަށެވެ. މީގެ އިތުރުން، ފަނޑިޔާރު އަދާކުރަން ޖެހޭ ރަސްމީ ޒިންމާއިން ތަނާޒުލް ވުމަކީ ފަނޑިޔާރުގެ ސުލޫކަށް އަސަރުކުރާފަދަ ކަމަކަށް ވާތީ މި މައްސަލަ ސުލޫކީ ވަކި މައްސަލަ އެއްގެ ގޮތުގައި ބަލައިދިނުން އެދި ކޮމިޝަނަށް ހުށަހެޅުމަށް ކޮމެޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލެއްގެ ގޮތުގައިވެސް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ވަކާލާތު ކުރައްވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުގެ ޓީމުގެ އިސް ވަކީލަކަށްވެސް ހަމަޖައްސާފައި ވަނީ ޑރ. ޖަމީލް އެވެ.