މި އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އޮފް ކޮމަންސްއިން ރުހުން ދީފިއެވެ.

އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދު (އީޔޫ)ގެ މެމްބަރުކަން ދޫކޮށްލުން (ބްރެގްޒިޓް) ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް މަގަކީ އިންތިހާބެއް ބޭއްވުން ކަމަށްވާއިރު، އާ ބޮޑުވަޒީރު ބޮރިސް ޖޯންސަން މިކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.

މިއީ 1923 ވަނަ އަހަރަށްފަހު ޑިސެމްބަރު މަހެއްގައި އިނގިރޭސިވިލާތުގައި އާންމު އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ބޮރިސް ޖޯންސަން (ކ) ގާނޫނު ހަދާ މަޖިލީހުގައި/ފޮޓޯ: ޝިކާގޯޓްރިބިއުން

އިނގިރޭސިވިލާތުގައި އާންމު އިންތިހާބުގެ ވޯޓުލުން ޑިސެމްބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 438 ވޯޓުގެ އަޣުލަބިއްޔަތުންނެވެ. މިކަމާ ދެކޮޅަށް އޮތީ 20 ވޯޓެވެ. ކަންމިހެން އޮތް ނަމަވެސް، މިކަމަށް އަމަލީ ސިފަ އަންނަނީ ހައުސް އޮފް ލޯޑްސް ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ މަތިގެއިން މިކަމަށް ރުހުން ދީ، ގާނޫނީ ހައިސިއްޔަތު ލިބޭ ހިސާބުންނެވެ. ބެލެވޭ ގޮތުގައި މި ހަފުތާގެ ނިޔަލަށް މިކަން ނިންމާނެއެވެ.

ލަފާކޮށްފައިވާ ތަވާލާ އެއްގޮތަށް ކަންކަން ކުރިއަށްދާނަމަ، އިންތިހާބަށް ކެމްޕޭން ކުރުމަށް ލިބޭނީ ގާތްގަނޑަކަށް 5 ހަފުތާގެ މުހުލަތެކެވެ.

ބޮޑުވަޒީރު ޖޯންސަން ވިދާޅުވާ ގޮތުގައި، ބްރެގްޒިޓްގެ މައްސަލާގައި ރައްޔިތުން ބަސް ބުނުމަށް ފުރުސަތު ދިނުން މުހިންމެވެ.

ވިލާތުގެ އިއްތިހާދުން ވަނީ ބްރެގްޒިޓް ތަންފީޒު ކުރުމުގެ ސުންގަޑި، ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.