ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގަމުންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ހަތަރުވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 އަށް ހުޅުވާލައިފިއެވެ.

ހަތަރުވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހަމައަށެވެ. އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށްދިނުން ކަމަށައި ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް ވަނީ އިތުރުވެގެން ގޮސްފައި ކަމަށެވެ. މިގޮތުން، މިއަހަރު ތެރޭގައިވެސް "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 100 ޕްރޮޖެކްޓަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ ދެވިފައި ވާ ކަމަށް ސައީދު ވިދާޅު ވިއެވެ.

ޕްރޮޕޯސަލް ހުށަހެޅުމާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/community އިން ލިބޭނެއެވެ. މިއަހަރުގެ ކޮންމެ ކްއާޓާ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑުގެ މިދިޔަ ކުއާޓަރގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ނ. ހޮޅުދޫ ބަނދަރު ސަރަހައްދުގައި މަސް ކަނޑާ ތަނެއް ހެދުން، ހދ. ކުޅުދުއްފުށީގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުން، ރ. ހުޅުދުއްފާރުގައި އަތިރިމަތީ ސަރަހައްދުގައި ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުން، ހއ. ކެލާ ސްކޫލު ކުރިމަތީގައި ދަރިވަރުންނާއި ބެލެނިވެރިން ބޭނުންކުރުމަށް ހިޔާވާ ތަނެއް ހެދުން އަދި ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން ހުށަހެޅުނު ޕްރޮޕޯސަލެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.