މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓެމިލް ނާޑޫގައި ވަޅަކަށް ވެއްޓުނު ސުޖީތުގެ ފުރާނަ ނެތް މަސްގަނޑު މިއަދު ފެނިއްޖެއެވެ.
ސުޖީތު ސަލާމަތް ކުރުމަށް ކުރިއަށް ގެންދިޔަ 82 ގަޑިއިރުގެ އޮޕަރޭޝަން ނިންމާލީ ކުނިވެފައިވާ ސުޖީތުގެ ހަށިގަނޑު ފެނުނު ހިސާބުންނެވެ.
އުމުރުން 2 އަހަރުގެ ސުޖީތު ވިލްސަން ބޯހޯލެއްގެ ތެރެއަށް ވެއްޓުނީ އޭނާގެ ގޭ ކައިރީގައި ކުޅެން އުޅެނިކޮށް، މިދިޔަ ހުކުރު ދުވަހުގެ އިރު އޮއްސެނިކޮށެވެ. އޭނާ ވަޅުތެރެއަށް ވެއްޓުނު ކަން އެނގިގެން ވާ ޖަހައިގެން ނަގަން އުޅުމުގެ ތެރޭގައި އޭނާ ވަނީ ކައްސާލައިގެން އަދި އެ ވަޅުގަނޑުގެ މާފުނަށް ވެއްޓިފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެެ ވަޅުގަނޑުގެ ފުން ކަމުން އެތަނަށް ފައިބައިގެން އެކުއްޖާ ސަލާމަތް ނުކުރެވޭނެތީ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސްއިންއެ ވަޅުގަނޑު ކައިރިން އެހެން ވަޅުގަނޑެއް ކޮނެ ދެ ވަޅު ބިންގަރާހަކުން ގުޅުވައިގެން އެ ކުއްޖާ ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިނގަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މިއަދު ހެނދުނު ސުޖީތު ނެގުމަށް ރެސްކިއު އޮޕަރޭޝަން އެހިސާބަށް ދެވުނު އިރު އެ ކުއްޖާ ވަނީ މަރުވެފައެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ޓެމިލް ނާޑޫގެ އިސް އޮފިޝަލް ޖޭ ރާދަ ކްރިޝްނަން ވިދާޅުވީ، އެ ކުއްޖާއާ ހަމައަށް ވާސިލް ވެވުނު އިރު އެ ކުއްޖާ އޮތީ މަރުވެފައި ކަމަށާއި އެ ހަށިގަނޑުވަނީ ކުނިވާން ފަށާފައި ކަމަށެވެ. ސުޖިތުގެ ހަށިގަނޑު އޮޓޮޕްސީއެއް ހެދުމަށް މިހާރު ސަރުކާރުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއަށްފަހު އަވަހަށް ޖަނާޒާ ބޭއްވުމަށް ގަބުރުސްތާނަށް ފޮނުވޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެކުއްޖާ އެ ވަޅު ތެރެއިން ނެގުމަށް ހާއްސަ އާލާތްތައް ބޭނުން ކުރި ކަމަށާއި ޑޮކްޓަރުންގެ ޓީމު ސުޖީތުގެ މަރު ޔަގީން ކުރުމަށް 45 މިނެޓް ނެގި ކަމަށް އިސް އޮފިޝަލް ވިދާޅުވިއެވެ.
މިއަދަށް ސުޖީތު ވަޅަށް ވެއްޓުނުތާ ހަތަރު ދުވަސް ވެފައިވާއިރު ޕަންނީރުސެލްވަމް ވިދާޅުވެފައި ވަނީ ކުއްޖާ ނެގުމުގެ މަސައްކަތް ލަސްވެފައި ވަނީ އެސަރަހައްދުގެ ބިންގަނޑު އާދަޔާ ހިލަފަށް ހަރުވެފައި އޮތުމުން، ތޮރުފުމަށް ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ. ކުއްޖާ ސަލާމަތްކުރުމަށް އޭނާ ހުރި ވަޅާ ދާދި ކައިރިން ތޮރުފައިގެން ކޮނުމުގެ މަސައްކަތް ކުރުމަށް ގެނައި މެޝިނެއްވެސް ހަލާކުވެ، އިތުރު އާލާތްތަކެއް ގެންނަން ޖެހުނު ކަމަށާއި މެޝިނު ހަލާކުވީވެސް އެސަރަހައްދުގައި ހުރި ގާގަނޑުތަކުގެ ހަރު ކަމުން ކަމަށެވެ.
ޕަންނީރުސެލްވަމް ވިދާޅުވީ ޓެމިލް ނާޑޫގެ އެކި ހިސާބުތަކުގައި ބޭނުން ނުކުރާ މިފަދަ ގިނަ އަދަދެއްގެ ބޯހޯލްތައް ހުރި ކަމަށެވެ. އެ ހުރިހާ ވަޅެއް ބަންދުކޮށް، ބެއްދުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.