ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ އައްޔަން ކުރަން މިއަދު މަޖިލީހުން ފާސްކުރީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެން 82 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން އެ މަގާމަށް ފަތުހުﷲ އައްޔަނު ކުރުމަށް ނިންމީ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މާގަމަށް އައްޔަން ކުރަން ލަފާ ދެއްވި ދެ ބޭފުޅޫންނާ އިންޓަވިއު ކުރުމަށް ފަހުއެވެ. ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ، ފަތުހުﷲ ނުވަތަ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަންކޮށް ދެއްވުމަށް ލަފާ ދެއްވާފައެވެ.

ތިމަރަފުއްޓަށް އުފަން ފަތުހުﷲ، ކުރިން ހިންގި ޑިޕާޓްމަންޓް އޮފް އިންލެންޑް ރެވެނިއު އޮތޯރިޓީއާ 2003 ވަނަ އަހަރު މީރާއާ ގުޅިވަޑައިގެން އެންމެ ފުރަތަމަ އަދާކުރެއްވި ވަޒީފާ އަކީ ރެވެނިއު އޮފިސަރު ކަމެވެ. އޭގެ ފަހުން ސީނިއާ ރެވެނިއު އޮފިސަރު ކަން ވެސް ކުރެއްވުމަށް ފަހު ފަތުހުﷲ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމަށް ހަމަޖެއްސީ 2010 ގައެވެ. މީރާ އިން ވަކިވެވަޑައިގަތުމަށް ފަހު، 2016 ވަނަ އަހަރު ފަތުހުﷲ ދިރާގާ ގުޅިވަޑައިގެން މިއަދާ ހަމައަށް އޭނާ ހުންނެވީ އެ ކުންފުނީގެ ޓެކްސް، ރިސްކް އެންޑް ކޮމްޕްލެއަންސްގެ މެނޭޖަރެއްގެ މަގާމުގައެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ކަމަށް ފަތުހުﷲ އައްޔަންކުރަން މަޖިލިހުން ނިންމި އިރު، ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޖެނެރަލްގެ މަގާމަށް އަސްމާ ޝަފީއު، ވައިޖެހޭގެ/ ހއ. އިހަވަންދޫ އައްޔަން ކުރަން މަޖިލިހުގެ 81 މެންބަރުންގެ އިއްތިފާގުން ވަނީ މިއަދު ނިންމާފައެވެ.

ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.