މާލޭގެ ސްކޫލެއްގެ ކްރިކެޓް ކުޅޭ ދަރިވަރުންތަކަކަށް އެ ސްކޫލްގެ މުދައްރިސަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުވައްމުލަކަށް ކްރިކެޓް ކުޅެން ދިޔަ މާލޭގެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައިވާ އިރު އެ ސްކޫލްގެ ދަރިވަރުން ދިޔައީ ސްކޫލްގެ ފަރާތުންތޯ ބެލުމަށް "ދަ ޕްރެސް" އިން ސުވާލުކުރުމުން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، ސްކޫލްގެ ފަރާތުން އެއްވެސް ހަރަކާތެއްގައި ކުދިން ފުވައްމުލަކަށް ފޮނުވާފައި ނުވާ ކަމަށެވެ.

މި ކަމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕީއެސް އަހުމަދު އަލީ "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވަގުތު އެ ކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މުދައްރިސް ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ.

އަހުމަދު އަލީ ވިދާޅުވީ، އެ ފަދަ ޝަކުވާއެއް ހުށަހެޅިފައި އޮތް ކަމަށާއި، އެފަދަ މައްސަލަތަކުގައި ކަން ކުރަން އޮންނަ އުސޫލުގެ މަތިން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ. އެހެންކަމުން އިދާރީ ތަހުގީގުގައި ސިވިލް ސާވިސް ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މިހާރު އެ ތުހުމަތު ކުރެވޭ މުދައްރިސް ހުރީ ވަޒީފާއިން އެކަހެރިކޮށްފައި ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި އޭނާގެ މައްޗަށް ކުރެވެނީ ތުހުމަތެއް ކަމަށާއި އެކަމަށް އެއްވެސް އިސްލާހީ ފިޔަވަޅެއް ނާޅާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމުގައި ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވަނީ ކުދިންނާ ހަވާލުވެގެން ދިޔަ ފިރިހެން މުދައްރިސެކެވެ. މިކަމާ ގުޅިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސާއި ޖެންޑާ މިނިސްޓްރީގެ ބަހެއް ލިބޭގޮތް ނުވެއެވެ.

ކުޑްކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަަލަތައް އިތުރު ވަމުން އަންނަ މިއީ ކްރިކެޓް ކުޅޭ ކުދިންތަކަކަށް ދިމާވި މިފަދަ ދެވަނަ ހާދިސާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކްރިކެޓް ގައުމީ ޓީމުގެ ކޯޗު އާސިފް ހާންގެ މައްޗަށް ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކޮށްފައެވެ. ފާކިސްތާނަށް އުފަން، ސައުތް އެފްރިކާއަށް ނިސްބަތްވާ އާސިފް އަކީ އުމުރުން 46 އަހަރުގެ މީހެކެވެ. އޭނާ ފިލައިގެން ފުރަން އެއާޕޯޓަށް ގޮސް ހުއްޓައި ފުލުހުން ހައްޔަރުވެސް ކުރިއެވެ.

އާސިފް ހާންއަށް މުއްދަތު ޖަހަން ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރި އިރު އޭނާ ހައްޔަރު ކުރިތާ 24 ގަޑި އިރު ހަމަވެފައި ވާތީ އޭނާ ވަނީ ދޫކޮށްލައިފައެވެ.