އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަށްފަހު މިދިޔަ އަހަރު އެކްޓިންގްގެ ދާއިރާއަށް ނިކުތް ޒުވާން ބަތޮލް އާޔޫޝް ޝަރުމާ، ރާއްޖެ އައިސް އުޅޭ ކަމުގެ ޚަބަރު ލިބިއްޖެއެވެ.

އިންޑިއާގެ ދުވަހު ނޫސްތައް ބުނާ ގޮތުގައި އާޔޫޝް ޝަރުމާ ރާއްޖެ އައިސްގެން އުޅެނީ އޭނާގެ 29 ވަނަ އުފަން ދުވަސް ފާހަގަކުރުމަށެވެ. އާޔޫޝްއާއިއެކު އޭނާގެ ދަރިފުޅު އާހިލްއާއި އަންހެނުން އާޕިތާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އާޔޫޝް ބުނީ، އޭނާއަކީ ކަނޑުދެކެ ބިރު ގަންނަ މީހެއް ކަމަށާ ރާއްޖެއަކީ އުފަން ދުވަހުގެ މުނާސަބާއާއި ދިމާކޮށް ސްކޫބާ ޑައިވްކޮށްގެން އެ ބިރު ކަނޑުވާލުމަށް ކަމަށެވެ. އާޔޫޝް ބުނާ ގޮތުގައި އޭނާއަކީ އަބަދުވެސް ތަފާތު ގޮތް ގޮތަށް އުފަން ދުވަސް ފާހަގަކުރަން ބޭނުންވާ މީހެކެވެ.

އާޔޫޝް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަ މަންޒަރުތައް، އޭނާގެ އިންސްޓަގްރާމް އެކައުންޓްގައިވެސް ހިއްސަކޮށްފައެވެ.

އާހިލްގެ 1 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށްވެސް އާޔޫޝްގެ އާއިލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.