މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ފުލުހުންގެ އިސް ދެ ބޭފުޅުންނަކީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާއި އަދި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބު ކަމަށް އަޑުތައް ފެތެރެން ފަށައިފިއެވެ.

މިގޮތަށް އަޑުތައް ފެތުރެން ފަށާފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ އިސް ދެ މަގާމެއްގައި ތިއްބެވި ދެ ބޭފުޅަކަށްވެސް ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. ބޮޑު ހިޔާނާތާތުން ބައި އެޅުނު ފަރާތްތަކުގެ ތެރޭގައި ހުސެން ވަހީދާއި ހަބީބުގެ ނަން ކިޔާ އިރު އެ ދެބޭފުޅުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮމިޝަނާ އޮފް ޕޮލިސް އަކީ ހުސައިން ވަހީދެވެ. އޭނާއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ހަމައެއާއެކުގައި ހަބީބަކީވެސް އަދީބާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން މި ދެ ބޭފުޅުން ފުލުހުންގެ މުއައްސަސާގައި އަދާ ކުރައްވަމުން ގެންދެވި މަގާމުން ދުރު ކުރެއްވިއެވެ. އަދި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު، އެ ދެ ބޭފުޅުންނަށް ރައީސް ޔާމީންގެ ސަރުކާރުގައި ދެއްވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފުލުހުންގެ އޮފިސަރުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިހާރު އެ މުއައްސަސާގެ ވަޒީފާގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ އިދާރީ ތަހުގީގެއް ކުރައްވަމުން ގެންދަވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސީޕީއަކާއި ކުރީގެ ޑީސީޕީއަކު ވަރަށް ގިނަ އަދަދަކަށް ތަފާތު އެކި ފަހަރު މަތިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހޯއްދަވާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުތައް ވެސް ފުލުހުން ކުރިއަށް ގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު މިވަގުތު ފުލުހުންގެ މުއައްސަސާގައި ތިބި އެކި ރޭންކުތަކުގެ މީހުން ހިމެނޭ ގޮތަށް ހިންގަވާނެ ކަމަށެވެ.

އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު ސަލާމަތީ ބާރުތަކުގެ ހަތް އޮފިސަރަކަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބިގެން ދިޔަކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަދަދު 3.4 ބިލިއަން ރުފިޔާއަށް އަރާ އިރު ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ބައެއް ފަރުދުން ހިމެނޭ ގޮތުން 267 މީހަކަށް ވަނީ ލިބިފައެވެ.