ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވާ ފަރާތްތަކާ މެދު ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމު ކުރަމުން އަންނަކަން ފުލުހުންނަށް ފާހަގަ ކުރެވިފައި ވާ ކަމަށެވެ. ފުލުހުން ބުނީ އެއްވެ އުޅުމުގެ ގާނޫނުގެ އިމުން ބޭރުން ބައެއް ފަރާތްތަކުން އެއްވުން މަނާ ސަރަހައްދުތަކަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަޑުގަދަ ކުރާ ބޭނުން ކޮށްގެން އުޅަނދުބުރު ބޭއްވުން ފަދަ ކަންކަން ކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުގައި ބަޔާންކުރާ ކުއްލި އެއްވުމުގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތައް ގާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތް ކުރަމުން ދާކަންވެސް އެ މުއައްސަސާއަށް ފާހަގަ ކުރެވިފައި ވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުންތަކަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ލިބިގެން ދާނެ ކަމަށެވެ. ފުލުހުން ވަނީ ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ އިމުގެ ތެރެއިން އެއްވުންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެފަދައިން އަމަލު ނުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިފަދައިން ބުނެފައި ވާއިރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން އިސްލާމްދީނަށް ފުރައްސާކޮށް ނެރުނު ރިޕޯޓާ ދެކޮޅަށް މާލޭގައި އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.