"ހަގީގީ" ރައްޔިތުން އުފުލަމުންދާ "ހަގީގީ" މައްސަލަތަކުގެ އަޑު އެއްސެވުމަށް، ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ގޮވާލައްވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުޓެރޭޒް ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުންދާ ހުރިހާ ފަރާތްތަކަކުން ވެސް ސުލްހަވެރި އިމުގެ ތެރޭގައި މުޒާހަރާ ކުރުމަށް ގޮވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ރައްޔިތުން ހިމޭން ދިރިއުޅުމަށް ލޮޅުން އެރުމުގެ ނަތީޖާއެއްގެ ގޮތުން، މެދުއިރުމައްޗަށް، ވިލާތުގެ އިތުރުން އެފްރިކާއާއި އޭޝިއާގެ އިތުރުން ލެޓިން އެމެރިކާއާއި ކެރީބިއަން ސަރަހައްދުގައި ވެސް މުޒާހަރާތައް ކުރަމުން އަންނަ ކަމަށެވެ.

ރައީސް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ސިޔާސީ އިދާރާތަކާ ރައްޔިތުންނާ ދެމެދު އިތުބާރު ގެއްލުމުގެ ބަލިމަޑުކަމެއް ފެތުރިފައި އޮތްކަން ސާފުވެވަޑައިގަންނަވާ ކަމަށާއި، އިޖުތިމާއީ ގުޅުންތަކަށްވެސް މިކަމުގެ ސަބަބުން އޮތް ނުރައްކާ އިތުރުވަމުން އަންނަކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މިދަނޑިވަޅަކީ ބަވަނަވަންތަވުމާ އާ ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް މުޅި ދުނިޔެވެސް ތަޅާފޮޅަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވަމުން ގުޓެރޭޒް އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން އާބާދީތަކުގެ މެދުގައި ހަމަހަމަކަން ގެއްލިގެން ގޮސްފައިވާކަމަށެވެ.

އިރާގުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ހާދީ މިޒްބާން

މުޒާހަރާތައް ފެށިފައި ނުވާ ހިސާބުތަކަށް ބަލާއިރުވެސް އަނިޔާ ލިބެމުންދާ ރައްޔިތުންތަކެއް އެބަތިބިކަމަށާ، އެބައެއްގެ އަޑު އިއްވަން ބޭނުންވެފައި ތިބި ކިތަންމެ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް އެބަތިބިކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އިންސާނަކަށް ވީތީ އެ ލިބިދޭ ހައްގުތައް ހިމާޔަތް ކުރުމަށް ހުރިހާ އެންމެންވެސް ބޭނުންވާ ކަމަށާ، މީގެ ތެރޭގައި ރައްޔިތެއްގެ ހައިސިއްޔަތުން ގައުމުގެ ކަންކަން ނިންމުމުގައި ބަސް ބުނުމަށް ލިބިދީފައި އޮތް ހައްގު ހޯދުމަށް ހުރިހާ ރައްޔިތުންވެސް ބޭނުންވާކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނާ ސަލާމާތީ ބާރުތަކުން ކުރިމަތިލާން ޖެހޭނެ ހައްދެއް އޮންނާނެ ކަމަށާ، މިކަން ކުރަންޖެހޭނީ ސުލްހަވެރި އިމެއްގެ ތެރޭގައި ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލިބިދީފައި އޮތް ހައްގަށް ސަރުކާރުތަކުން އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި، ސަލާމަތީ ބާރުތަކުގެ އަމަލުތައް ހުންނަންޖެހޭނީ ބައިނަލްއަގުވާމީ ގާނޫނީ ރޫހާ އެއްގޮތަށް ކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ. އަދި ހަމަނުޖެހުންތައް ހިންގުމަށް ދައްކާނެ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.