ޕާކިސްތާނުގެ ޖަލެއްގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލުކޮޅު ހުރި ގޮތަށް ރިއާޔަތްކޮށް، ކަފާލާތު ދަށުން އޭނާ މިނިވަންކުރުމަށް ލާހޯރުގެ ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ކަފާލާތުގެ ދަށުން ނަވާޒް މިނިވަން ކުރައްވާފައިވާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނަ އޮންނެވީ ހޮސްޕިޓަލެއްގައެވެ. އުމުރުފުޅުން 69 އަހަރުގެ ނަވާޒް ހޮސްޕިޓަލެއްގައި އެޑްމިޓްކުރެވުނީ، އާދަޔާ ހިލާފަށް ފްލޭޓްލެޓް ކައުންޓް ދަށްވުމުގެ ސަބަބުން، ޑޮކްޓަރުންގެ އިރުޝާދާއެކުގައެވެ. ހަފުތާ ނިމިގެން ދިޔައިއުރުވެސް ނަވާޒް އޮންނެވީ ވަރަށް ކްރިޓަކަލް ހާލުކޮޅެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ މަރްޔަމް ނަވާޒްވެސް ވަނީ މިދިޔަ ބުދަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެވެ. މަރްޔަމް ނަވާޒަށް ސިއްހީ ފަރުވާދޭން ފެށީ، ލޭގެ ޕްރެޝަރު ދަށްވަމުންދާކަމަށް އޭނާ ޝަކުވާކުރެއްވި ހިސާބުންނެވެ.

ކަންމިހެން އޮތްއިރު، ބައްޕާފުޅުގެ ހާލުކޮޅު ރަނގަޅުވަންދެން ހޮސްޕިޓަލުގައި އިނުމުގެ ފުރުސަތު މަރްޔަމް ނަވާޒަށް ހަމަޖައްސައި ދިނުމަށް، ޕާކިސްތާނުގެ މިހާރު ބޮޑުވަޒީރު އިމްރާން ހާން ވަނީ ޕަންޖާބުގެ ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

ކަފާލާތުގެ ދަށުން ޖަލު ބަންދުން ނަވާޒް ޝަރީފު މިނިވަންކުރެއްވުނު ނަމަވެސް، ސިއްހީ އިތުރު ފަރުވާއަށްޓަކައި ގައުމުން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޮތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ނަވާޒް ޝަރީފާ އޭނާގެ އާއިލާގެ ބައެއް މެމްބަރުން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ހިޔާނާތާ ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއްގައި ކަމަށްވާއިރު، އެ ބޭފުޅުން ގެންދަވަނީ އެ ދައުވާތަކަކާ ތުހުމަތުތަކަށް އިންކާރު ކުރައްވަމުންނެވެ.