އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ މެމްބަރުކަން ދޫކޮށްލުން ނުވަތަ "ބްރެގްޒިޓް" ތަންފީޒުކުރެވިގެންދާއިރު، އެއްބަސްވުމަކާއެކު އެކަން ކުރުމަށް ވިލާތުގެ އިއްތިހާދުން ދިން މުހުލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ތަކުރާރުކޮށް މުހުލަތު އިތުރު ކުރަމުން އައިސް، އެންމެ ފަހުން ދިން ސުންގަޑި މިމަހުގެ 31ގެ ނިޔަލަށް ހަމަވާއިރު، ހުކުރު ދުވަހުގެ މަޝްވަރާތަކަށްފަހު އަނެއްކާވެސް މިވަނީ މި މުހުލަތު އިތުރުކޮށްފައެވެ. ނަމަވެސް އެއީ ކޮން ތާރީހެއްކަން އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކަންމިހެން އޮތް ނަމަވެސް، މިމައްސަލަ ހައްލު ކުރުމަށް އަވަސް އިންތިހާބެއް ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮވާލެއްވި ފަދައިން އަވަސް އިންތިހާބެއް ބޭއްވުމާ މެދު ގޮތެއް ނިންމުމަށް، ބައިބައިވެފައިވާ އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް އިތުރު ފުރުސަތެއް ލިބިގެންދިޔަކަން ފާހަގަކުރަންޖެހެއެވެ.

ބްރެގްޒިޓް ތަންފީޒުކުރަން ފެށުމަށް ހަމަޖެއްސި ސުންގަޑި އިތުރުކޮށްފައިވަނީ، ވިލާތުގެ އިއްތިހާދު (އީޔޫ)ގެ 27 މެމްބަރު ގައުމެއްގެ ސަފީރުންގެ މެދުގައި ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހުގައެވެ. މިމަޝްވަރާތަކަށްފަހު ވާހަކަދެއްކެވި އީޔޫގެ އޮފިޝަލަކު ވިދާޅުވީ، ބްރެގްޒިޓް ތަންފީޒުކުރަން އިނގިރޭސިވިލާތަށް ދީފައި އޮތް ސުންޑި އިތުރު ކުރުމަށް ހުރިހާ މެމްބަރުންވެސް ތާއީދުކުރާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތްތައް، އަންނަ ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަންވެސް އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.

ވިލާތުގެ އިއްތިހާދުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ބްރެގްޒިޓް ތަންފީޒުކުރުމުގެ ސުންގަޑި އިތުރުކޮށްދިނުމަށް އެދި، އިނގިރޭސި ބޮޑުވަޒީރު، ވިލާތުގެ އިއްތިހާދަށް ހާއްސަ ސިޓީފުޅެއް ފޮނުއްވުމާ ގުޅިގެންނެވެ.