ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކޮށް އެ މުވައްޒަފުންނަށް ހާއްސަ އެވޯޑެއް ދީފިއެވެ.

އެކަން ފާހަގަކޮށް ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި އެ އެވޯޑު ހަވާލުކޮށްދެއްވާފައި ވަނީ އެބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ އެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކަށް 15 އަހަރާއި 20 އަހަރާއި 25 އަހަރުގެ އިތުރުން 30 އަހަރާއި 35 އަހަރަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް އެވޯޑު ދީފައިވާ ކަމަށެވެ.

މި އެވޯޑު ޖުމްލަ 30 މުވައްޒަފަކަށް ލިބިގެން ދިޔައިރު އެ ބޭންކުގެ ހެޑް އޮފް ރިކަވަރީސްގެ މަގާމުގައި ހުންނެވި ފާތިމަތު ރަޝީދާ 35 އަހަރު ދުވަހު ބޭންކަށް ހިދުމަތް ކޮށްދީފައި ވާތީ އޭނާއަށް ހާއްސަ އެވޯޑެއް ދީފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން ބީއެމްއެލްއަށް 30 އަހަރު ހިދުމަތް ކޮށްދީފައިވާ ސީނިއާ އޮފިސަރު، އިންޓަނޭޝަނަލް ބޭންކިން އަމްސޫދާ ނައީމާއި ކަސްޓަމާ ސާވިސް ޑެޕިއުޓީ މެނޭޖަރު އާމިނަތު ނަސީމާއި މެނޭޖަރު، ޗެކް ޕްރޮސެސިން އައިޝަތު ސަދްނާގެ އިތުރުން އަދި ވޭމަންޑޫ ބްރާންޗުގެ މެނޭޖަރު އަބްދު ﷲ ޝަމީމް އަށްވެސް ހާއްސަ އެވޯޑެއް ދީފައިވާ ކަަމަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެވޯޑު ލިބުނު ފަރާތްތައް ބީއެމްއެލްއަށް ވޭތުވެދިޔަ އަހަރުތަކުގައި ކޮށްދީފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަ ކުރުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ބޭންކް އޮފް މޯލްޑިވްސްގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް މަސައްކަތް ކުރާ މުވައްޒަފުންގެ އަގުވަޒަން ކުރެވޭކަމީ އެބޭންކަށް ލިބޭ ބޮޑު ފަހުރެއް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ތިޔަ ބޭފުޅުންނަކީ ބޭންކުގައި ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމްކޮށްދެއްވައި، ބޭންކަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުން. މުވައްޒަފުން ނަމޫނާ އެއްގެ ގޮތުގައި ބަލަނީ ވެސް ހަމަ ތިޔަ ބޭފުޅުން. ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށްޓަކައި ޝުކުރު ދަންނަވަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ ކުންފުންޏެވެ. އެ ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް އެ ބޭންކުން އަންނަނީ އެކި ހަރަކާތްތައް ބާއްވަމުންނެވެ. ބީއެމްއެލްއިން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ދޭ " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރު ބްރޭންޑް އެވޯޑް" މިއަހަރު ކުރީކޮޅު ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ހޯދާފައެވެ.