އެމްޑީއެން އިން ނެރުނު ރިޕޯޓާ ގުޅިގެން ސަރުކާރުން ހިންގާ ތަހުގީގަށް ފާޑު ވިދާޅުވަމުން އެ ތަހުގީގު އެންމެ ރަނގަޅަށް ހިންގޭނީ ޕީޕީއެމް އާ ހަވާލު ކުރިއްޔާ ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީނު މިހެން ވިދާޅުވީ، އެމްޑީއެން އާ ދެކޮޅަށް ޕީޕީއެމް ކޮންގްރެސްއިން އެޕާޓީގެ އޮފީސް ދޮރުމަތީގައި ބޭއްވި އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ. ސަރުކާރުން ކުރަމުން ގެންދާ ތަހުގީގަށް ފާޑު ވިދާޅުވެ ޔާމީން ވިދާޅުވީ، އެ ރިޕޯޓާ ގުޅުން ހުރި އެންމެން ތިބީ ރައީސް އޮފީހުގައި ނުވަތަ ސަރުކާރުގެ މަގާމުތަކުގައި ކަމަށާއި، އެ މަގާމުތަކުގައި ތިބެގެން ހިންގޭނެ ތަހުގީގެއް ނޯންނާނެ ކަމަށެވެ.
އެމްޑީއެން މައްސަލައިގައި ޔާމީނު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ފާޑު ވިދާޅުވެފައެވެ. ޔާމީނު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން މަސްދުވަސް ވާއިރު ރައީސް ސޯލިހު ކުރެއްވީ ކޮންކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅޭ ގޮތުން ފުލުހުންވެސް ހިންގަން ޖެހޭ އިތުރު ތަހުގީގެއް ނޯންނާނެ ކަމަށާއި އެމްޑީއެން އަކީ "ފުނޑާލަން" ޖެހޭ ޖަމްއިއްޔާއެއް ކަމަށެވެ.
ޔާމީނު ވަނީ މިސަރުކާރުގެ އިސް ސަފުގައި "ލާދީނީ" މީހުން ތިބިކަމުގެ ތުހުމަތުވެސް ކުރައްވާފައެވެ. ޔާމީނު ވިދާޅުވީ ދައުލަތުގެ އިސް ގިނަ މަގާމުތަކުގައި ތިއްބެވީ އޭގެ ބޭފުޅުން ކަމަށެވެ. ސީދާ ވަކި ބައެއްގެ ނަން ވިދާޅުނުވެ ޔާމީނު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެމްޑީއެންގެ ރިޕޯޓު ފުރަތަމަ ނެރުނީ 2014 ވަނަ އަހަރު ޔާމީނުގެ ވެރިކަމުގައެވެ. ޕީޕީއެމް ކޮންގްރެސްގެ ބޭފުޅުން ވިދާޅުވަނީ އޭރު ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި ބައި ނެތް ކަމަށެވެ. ނަމަވެސް މި ފަހުން ނެރުނު ރިޕޯޓުގައި އިސްލާމްދީނާއި ރަސޫލާއަށް އިހާނެތިކޮށް ހިތާ ލިޔެފައިވެއެވެ.