ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ދިވެހިން ރެކްރޫޓު ކޮށް ފޮނުވުމުގައި އިސްކޮށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފުލުހުން ރޭ ހައްޔަރުކުރި މީހަކީ މުހައްމަދު އަމީނު ކަން އެނގިއްޖެއެވެ. މީނާއަކީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައިވާ މީހެކެވެ.

ފުލުހުން ބުނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ. އެގޮތުން ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ވެސް ހިމެނިފައިވާ މީހެކެއެވެ. އެއީ އެ ލިސްޓަށް ދިވެއްސެއްގެ ނަން އެރި ފުރަތަމަ ފަހަރުވެސްމެއެވެ.

އެމެރިކާއިން ބުނެފައިވާ ގޮތުގައި އަމީނަކީ އައިސިސްއަށް މަސައްކަތް ކޮށްދޭ މީހެކެވެ. އަދި އޭނާއަކީ ސީރިއާއާއި އަފްގާނިސްތާނުގައިވެސް ވަރަށް އިސްކޮށް އައިސިސްގެ ކަންކަމުގައި ހަރަކާތްތެރިވާ މީހެއް ކަމަށް އެމެރިކާއިން ބުނެއެވެ.

އަމީންއާ ގުޅޭގޮތުން އެމެރިކާއިން އިތުރަށް ބުނީ އޭނާއަކީ ސީރިއާގެ ހަނގުރާމައަށް މީހުން ފޮނުވުމުގައިވެސް މީގެކުރިން ވަރަށް އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށެވެ. ނަމަވެސް މިހާރު މީހުން ހަނގުރާމައަށް ފޮނުވަނީ އަފްގާނިސްތާނަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭނާއަކީ އައިސިސްގެ އިރާގު ގޮފި ކަމަށްވާ (އައިސިސް - ކޭ)އަށް ހަނގުރާމަވެރިން ރެކްރޫޓު ކުރާ މީހެއް ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

އެމެރިކާއިން އިތުރަށް ބުނެފައިވަނީ އަމީންއާ އޭނާގެ ބައިވެރިން ވެގެން މިދިޔަ އޭޕްރީލް މަހާއި ހަމައަށްވެސް އައިސިސްއަށް މީހުން ހޯދުމަށް ވަރަށް ހަރަކާތްތެރިކަމާއި އެކުގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ. އައިސިސްއަށް މީހުން ހޯދުމަށް ހަފްތާއަކު 10 ބައްދަލުވުމެއް ބާއްވާ ކަމަށްވެސް އެމެރިކާއިން ބުނެއެވެ. އަދި އޭނާ އެފަދަ ބައްދަލުވުންތައް މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާ ކަމަށާއި ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާ ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ބުނީ އަމީންއާ އޭނާގެ ބައިވެރިން ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މީހުން އައިސިސްއަށް ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.