އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި 8 ފަނޑިޔާރަކު ބައިވެރިވެފައިވާ ކަން ހާމާވެއްޖެއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، މި މައްސަލާއާ ގުޅިގެން ކުރި ތަހުގީގުން މިހާތަނަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި 8 ފަނޑިޔާރަކު ބައިވެރިވެފައިވާ ކަން ހާމާވެފައިވާ ކަމަށެވެ.

މި ހިޔާނާތުގައި 8 ފަނޑިޔާރެއްގެ އިތުރުން، މިހާރުގެ ސަރުކާރުގައި ތިއްބެވި 7 ބޭފުޅަކާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީހުގެ 16 މެންބަރެއް ހިމެނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި 8 ފަނޑިޔާރަކު އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވެފައިވާ ކަން ހާމަކޮށްފައި ވާއިރު، ޖުޑީޝަލް ސާވިސް ކަމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި ބައިވެރިވާ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމާފައެވެ. އެ ކޮމިޝަނުން އެގޮތަށް ނިްމާފައިވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިތީގައި ޕްރޮސެކިއުތާ ޖެނެރަލް އައިޝަތު ބިޝާމް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ.